ޚަބަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮރަލް ފެސްޓިވަލެއް ފަށައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "ކޮރަލް ފެސްޓިވަލް" ކ.ތުލުސްދޫގައި ފަށައިފިއެވެ.

މި ފެސްޓިވަލަކީ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މި ހަރަކާތުގައި ޚާއްސަ މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގަންނަވަނީ ރައްޔިރުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

ކޮރަލްފެސްޓިވަލަކީ ކަނޑުތަކާއި ފަރުތަކުގެ ދިރުންތަކާއި މެދު މީހުން ހޭލުންތެރިކޮށް، އެތަންތަން ރައްކާތެރިކުރުމަށް ފަރުދީ ގޮތުން ކުރެވޭނެ ކަންކަމަށް އަހުލުވެރކުރަން ބާއްވާ 1 ދުވަހުގެ ފެސްޓިވަލްއެކެވެ. އަދި ރާއްޖޭގެ ކަނޑު ފަޅުގެ ރީތިކަމާއި، ކަނޑުގެ ދިރުންތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތައް މި ފެސްޓިވަލްގައި ދަނީ ކުރިއަށްގެންދަމުންނެވެ.

މިއަދު ހެންދުނު ދިހައަކުން ފެށިގެން ފެސްޓިވަލްގެ ހަރަކާތްތައްވަނީ ފަށާފައެވެ. ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ކޮރަލް ސައިންޓިސްޓުންނާއި، ރިސަރޗަރސް ހިމެނޭގޮތަށް ޕެނަލް ޑިސްކަޝަން ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި ކަނޑުގެ ދިރުންތަކާއި ގުޅޭ މަޢުލޫމާތު އާއްމުންނާއި، ސްކޫލް ޔުނިވަރސިޓީ ދަރިވަރުންނާއި ހިއްސާކުރުންވެސް ކުރިއަށްދެއެވެ.

މީގެއިތުރުން ކަނޑުގެ ދިރުންތައް ބަލާލުމުގެ ފުރުސަތު ސްކޫލް ދަރިވަރުންނަށް ދިނުމަށް ސްނޯކްލިންގ ހަރަކާތްތައްވެސް ދަނީ ކުރިއަށްގެންދަމުންނެވެ.

އަދި ކަނޑުތަކުގެ ދިރުންތައް ޙިމާޔަތް ކުރުމަށް ކުރެވޭނެ ކަންތައްތަކާއި، އަދި ރާއްޖޭގެ ކަނޑުގެ ގާތަކާއި މުރަކައަށް ކުރިމަތިވަމުންދާ ނުރައްކާތެރިތައް ދައްކުވައިދޭ އާޓް އެގްޒިބިޝަނެއް ވެސް ވަނީ ހުޅުވާފައެވެ.

ކޮރަލް ފެސްޓިވަލް މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް ކުރިއަށްދާނެއެވެ. މި ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މި ފެސްޓިވަލްގެ ތެރެއިން އިއްޔެވަނީ ކަމާއިގުޅޭ ދާއިރާތަކުގެ ފަންނީ ބޭފުޅުން ހިމެނޭހެން ތަޖުރިބާ ހިއްސާކުރުމުގެ މަސައްކަތު ބައްދަލުވުމެއްވެސް ބާއްވާފައެވެ.