 
										
			ރާއްޖޭގެ ބޮޑުބަޔަކަށް ވައިގަދަވެ ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފިއެވެ. 
މެޓު އޮފީހުން ވިދާޅުވީ މުޅިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވައިޓް އެލަރޓު ނެރެފައި ވަނީ މިއަދު ހަވީރު 4 ޖެހުމާއި ހަމައަށެވެ.
ރާއްޖެއަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. 
ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން މެޓު އޮފީހުން ވިދާޅުވީ ވައިގަދަ ވުމުގެ ސަބަބުން މިއަދު ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އެގޮތުން ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭއިރު ކަނޑުތަކުގެ ބާނިތައްވެސް ވަރަށް ބޮޑުކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. 
އެގޮތުން ރާޅުތަކުގެ އުސްމިނުގައި ގާތްގަނޑަކަށް 4 ފޫޓާއި 7 ފޫޓު އުސްމިން ހުންނާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. ވައިގަދަވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާކަމަށްވެސް މެޓު އޮފީހުން ވިދާޅުވެއެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގެ ރަށްތަކަށް އުދައިގެ އަސަރު ބޮޑަށް ކުރާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. 
މެޓު އޮފީހުން ވިދާޅުވީ މާދަމާއިންފެށިގެން މެދުރާއްޖެ ތެރެއާއި އުތުރަށް ވިއްސާރަ އަލިކުރިނަމަވެސް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ދެމިގެންދާނެ ކަމަށެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވައިގަދަވުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. 
ވައިގަދަވެ ކަނޑުތައް ގަދަވުމާއި ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ސަމާލުވުމަށް މެތު އޮފީހުން އިލްތިމާސްކުރައްވައެވެ.