ހުޅުމާލޭގައި ފަތުރުވެރިންތަކަށްދިން ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެ އާންމުކުރި ވީޑިއޯއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހޯދިފައިވާކަމަށާއި، އެވީޑިއޯގައި ބުނާ ފަދަ ގެއްލުމެއް ރައްޔިތުންނަށް ކުރިމަތި ނުވާނެކަމުގެ ޔަގީންކަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްވައިފިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ދިވެހި ރައްޔިތުންނާއި ރާއްޖެއަންނަ މެހެމާނުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ހޯމް މިނިސްޓަރ ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި 3 ފަތުރުވެރިއަކަށް ހަމަލާދިން ހާދިސާއަކީ މިފަދަ އަމަލުތައް ހިންގާ ބޭރުގެ އެހެނިހެން ފަރާތްތަކުން އެކަންކަން ހިންގާ ގޮތަށް ރާވައިގެން އެވިސްނުމުގައި ހިންގި އަމަލެއްކަމަށެވެ. އަދި އެކަން ރޭވި މީހުންގެ ވިސްނުންހުރީ ވަރަށް ފުޅާކޮށް އެއަމަލު ހިންގުމަށްކަމަށާއި، އެއާއެކު ދައުރުވި ވީޑިއޯވެސް އުފެއްދީ އެ ހަމަލާދިނުމަށް ރޭވި ވިސްނުމުގެތެރެއިންކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
އެހެންނަމަވެސް ހަމަލާ އިންތިޒާމުކުރި ފަރާތްތަކުން ބޭނުންވި ފުޅާމިނުގައި އެކަން ނުކުރެވުނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން، ޚާއްސަކޮށް ފުލުހުން އަޅާފައިވާ ހަރުދަނާ ބައެއް ފިޔަވަޅުތަކުގެ ސަބަބުންކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެއަމަލު ހިންގުމާއެކު އެކަށީގެންވާ ވަގުތެއްގެ ތެރޭގައި އެކަމުގައި ހިމެނޭ ފަރާތްތައް ފުލުހުން ހައްޔަރުކުރިކަމަށާއި އެއާއެކު ދެން އާންމުކުރި ވީޑިއޯއާގުޅޭ މުހިއްމު ގިނަ މައުލޫމާތުތަކެއް ފުލުހުން މިހާރު ހޯދާފައިވާކަމަށެވެ.
"ކޮންމެއަކަސް އެވީޑިއޯއާގުޅޭ ގިނަ މައުލޫމާތުތަކެއް އަޅުގަނޑުމެންނަށް ހޯދިއްޖެ. އެހެން ނަމަވެސް އެކަމުގައި ބަލަންޖެހޭ މުހިއްމު ކަންތައްތަކެއް އެބަހުރި. އެ ވީޑިއޯގައި ބިރުވެރިކަން ގެނައުމައްޓަކައި އެހާމަކުރި ހާމަކުރުން، ނުވަތަ އެވިސްނި ވިސްނުން އެގޮތަށް ކުރިއަށް ނުގެންދެވޭނެކަމާދޭތެރޭ ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް" ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވިއެވެ.
ހުޅުމާލޭގައި ފަތުރުވެރިންނަށް ހަމަލާ ދޭން ރޭވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް މިހާރު ހައްޔަރުކޮށްފައިވާކަން ފާހަގަކުރައްވަމުން ހޯމް މިނިސްޓަރ ވިދާޅުވީ ދިވެހި ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ތައްޔާރަށްތިބެން ޖެހޭކަމަށެވެ.
އެމަނިކުފާނުވަނީ ފުލުހުންގެ އިދާރާއިން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާކަމަށްވިދާޅުވެ ފުލުހުންގެ މަސައްކަތްތަކަށް ހިއްވަރުދެއްވާފައެވެ. އެހެން ނަމަވެސް އެދިދާރާގެ މަސައްކަތްތަކުގައިވެސް ރަނގަޅުކުރަންޖެހޭ ކަންކަން އަދިވެސް ހުރިކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުވަނީ މިހަފްތާގެ ތެރޭގައި މާފުށީގައި އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފަށް ހަރަކާތްތެރިވި ފަތުރުވެރިޔާ ހައްޔަރުކުރުމުގައި ނިންމި ނިންމުން އެވަގުތައް ރަނގަޅުނަމަވެސް އެއަށްވުރެ ފުރިހަމައަށް އެކަން ކުރެވުނީސްކަމަށް ވިދާޅުވެފައެވެ.