ޚަބަރު

ހައިކޯޓްގެ ދެ ގޮފީގައި އެއްފަހަރާ ޝަރީއަތް ހިންގަނީ


ހައިކޯޓްގެ އުތުރާއި ދެކުނު ގޮފީގެ ޝަރީއަތްތައް އެއް ވަގުތެއްގައި ކުރިޔަށް ގެންދިޔުމަށް ނިންމައިފިއެވެ. މީ ހައިކޯޓްގެ ދެ ގޮފީގައި އެއް ވަގުތެއްގައި ޝަރީއަތްތައް ކުރިޔަށް ގެންދާ ފުރަތަމަ ފަހަރުއެވެ.

ހައިކޯޓުން ވިދާޅުވީ ހދ ކުޅުދުށްފުށީގައި ޤާައިމުކޮށްފައިވާ އެ ކޯޓްގެ އުތުރު ގޮތްޕާއި އައްޑޫ ސިޓީ ހުޅުމީދޫގައި ޤާއިމުކޮށްފައިވާ ގޮފީގައި ޝަރީއަތްތައް ކުރިޔަށް ދާނީ މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި މި ޝަރީއަތްތައް ކުރިޔަށް ގެންދިޔުމަށް ފަނޑިޔާރުން ހިމެނި ވަޑައިގަންނަވާ ޝަރުއީ ވަފުދެއް އުތުރާއި ދެކުނަށް ފުރާފައިވާކަމަށް ހައިކޯޓުން ވިދާޅުވެއެވެ.

މީގެ ކުރިން މި ދެ ގޮފީގައި ޝަރީއަތްތައް ކުރިޔަށް ގެންދަނީ ކޮންމެ ގޮތްޕަކަށް ފަނޑިޔާރުންގެ ވަފުދެއް ވަކިން ގޮސްގެންނެވެ.

ހައިކޯޓްގެ ދެ ގޮފި ކަނޑައަޅާ އެ ދެ ގޮފީގައި ފަނޑިޔާރުން ބޭއްތިބުމަށް ކަނޑައެޅުމުން މާލޭގެ ކޯޓަށް ފަނޑިޔާރުންގެ ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން ގޮފި ތަކުގައި ފަނޑިޔާރުން ދާއިމީކޮށް ތިބެން ނުޖެހޭގޮތަށް ސުޕްރީމް ކޯޓުން ކަނޑައެޅުއްވިއެވެ. އޭރު ހައިކޯޓްގެ ބެންޗުގައި ހިމެނިވަޑާއިގަންނަވަނީ 9 ފަނޑިޔާރުންނެވެ.

ކޯޓްތަކުގެ ގާނޫނަށް ގެނައި އިސްލާހާއި އެކު ހައިކޯޓްގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ވަނީ 11 ބަދަލުކޮށްފައެވެ.