ހިޔާ މަޝްރޫޢު"އަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ދިރިއުޅުމުގެ ޙާލަތު ބެލުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުން އެކަން އަންގައިދިނުމަށް އެދިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ހިޔާ މަޝްރޫޢު"އަށް ޝަރުޠު ހަމަވާ މީހުންގެތެރެއިން ދިރިއުޅުމުގެ ޙާލަތު ބެލުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުން އެ ފަރާތްތަކުގެ ފޯނު ނަންބަރު ފޮނުވައި ދިނުމަށް ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން އެދިވަޑައިގެންފައިވާކަމަށެވެ.
ދިރިއުޅުމުގެ ޙާލަތު ބެލުމުގެ ގޮތުން މިހާރު ގުޅުމަށް މަސައްކަތްކުރަމުންދަނީ H4 ، H5 ، H12 ، H13 އަދި H15 ، މިކެޓެގަރީތަކުގެ މީހުންނަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މި ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުން މި މަހުގެ 11 ވަނަ ދުވަހުގެ 15:00ގެ ކުރިން 7761108 ނަންބަރަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެ ނަންބަރަށް ގުޅޭގޮތްނުވެއްޖެނަމަ، އެ ނަންބަރަށް އެސް.އެމް.އެސް އެއް ފޮނުއްވުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.
ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ޙައްޤުވެރިންނަށް އެ ފްލެޓްތައް މިއަހަރުގެ ތެރޭގައި ޙަވާލުކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ދެއްވާފައެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުއްވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ، ވިހި ހާހަށްވުރެ ގިނަ ޢާއިލާ، ހަމައެކަނި މާލެ ސަރަޙައްދުގައި ވެސް އެބަތިބިކަމަށެވެ. އެގޮތުން ހިޔާ މަޝްރޫޢުގެ 17189 ފޯމެއް މިހާތަނަށް ސްކްރީންކުރެވި، ޝަރުތު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމުގެ މަސައްކަތް ކުރަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
މި މަސައްކަތުގެ ދަށުން މިހާތަނަށް 5 ކެޓަގަރީއެއްގެ މަސައްކަތް ނިމި، ފްލެޓް ޙައްޤުވާ މީހުންގެ ލިސްޓް ޢިއުލާންކުރުމަށް ތައްޔާރުވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.