އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހަ މަޝްރޫޢެއް ކުރިއަށްގެންދިއުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއެކޮށްފިއެވެ.
އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ސިޓީގެ 5 ރަށެއްގައި ޓުއަރިޒަމް ޒޯންތަކެއް ތަރައްގީ ކުރުމާއި ހއ. ހޯރަފުށީގައި ފެންބަންދުކުރާ ޕްލާންޓެއް ޤާއިމް ކުރުމުގެ މަޝްރޫއު ހިމެނެއެވެ. މިކަމުގެ އެއްބަސްވުންތަކުގައި ރާއްޖެއިން ސޮއިކޮށްފައިވަނީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއެވެ.
އައްޑޫ ސިޓީގެ ފޭދޫ ،މީދޫ ،ހިތަދޫ،ހުޅުދޫ އަދި މަރަދޫގައި އައްޑޫ ޓުއަރިޒަމް ޒޯން ބިނާކުރުމުގެ މަޝްރޫއުގެ އަގަކީ 2.49 މިލިޔަން އެމެރިކާ ޑޮލަރެވެ. މި އެއްބަސްވުމުގެ ދަށުން ހަދާ އައްޑޫ ޓޫރިޒަމް ޒޯންގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުޞަތުތައް ތަނަވަސްވެ އިކޯ ޓޫރިޒަމް އިތުރަށް ކުރިއަރައިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.
އިންޑިއާ ސަރުކާރުން ހއ. ހޯރަފުށީގައި ފެންބަންދުކުރާ ޕްލާންޓެއް ބެހެއްޓުމުގެ މަޝްރޫޢުގެ އަގަކީ 51900 އެމެރިކާ ޑޮލަރެވެ. މި މަޝްރޫޢުގެ ސަބަބުން ޕްލާސްޓީކް ފުޅި ބޭނުންކުރުން މަދުވެ ދެމެހެއްޓެނިވި ތިމާވެއްޓަށް ރައްކާތެރި ގޮތެއްގައި ފެންބަންދުކުރަން ފެށޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ހޯރަފުށީގައި ވެސް ވަޒީފާގެ ފުރުޞަތުތައް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
މި އެއްބަސްވުންތަކުގައ ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ވިދާޅުވީ، މި މަޝްރޫޢުގައި ތަރައްގީ ކުރެވޭ ޒޯންތަކަކީ ޓުއަރިޒަމް ދާއިރާއަށް އިންވެސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް އިންވެސްޓް ކުރުމަށް އާ ހިތްވަރެއް ލިބިގެންދާނެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން އައްޑޫ ސިޓީގެ ސިނާޢީ ތަރައްޤީއަށް ކުރިއެރުން ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސްދީރު ވިދާޅުވީ، އިންޑިއާގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫޢުތަކަކީ ތިމާވެއްޓަށް ގެއްލުން ނުވާނެފަދަ ގޮތަކަށް ކުރިއަށްގެންދާ މަޝްރޫޢުތަކެއްކަމަށެވެ.
ޒަމާނުއްސުރެ އިންޑިއާއިން ރާއްޖެއަށް އެކި ދާއއިރާތަކުން އެހީވަމުންދާކަން ފާހަގަކުރައްވައި ސަފީރު ވަނީ ކުރިއަށް އޮތްތަނުގައިވެސް ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިވަމުން ގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި އިންޑިއާއިން އަބަދުވެސް ދިވެހިންނަށް އެހީތެރިވުމަށް ތައްޔާރަށް އޮންނާނެކަން ސަފީރު ފާހަގަކުރެއްވިއެވެ.
އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދާ 6 މަޝްރޫއަކީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވަލޮޕްމަންޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ. 2019 ވަނަ އަހަރުގެ މާރޗްމަހު ތެރޭ އިންޑިއާގެ ކުރީގެ ފޮރިންމިނިސްޓަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމު ގުޅިގެން ހިންގާ މިފަދަ މަޝްރޫޢުތައް ޚާއްސަކޮށްގެން 5.6 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީވާން ދިނުމަށް ނިންމާފައެވެ.