ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ރޭޕްކުރި 2 އަހަރުގެ ތުއްތު އަންހެން ކުއްޖާގެ މަންމަގެ އިތުރު ދެ ކުޑަކުދިން ތިބޭ ކަމުގައި އެރަށު ކައުންސިލުން ބުނެފިއެވެ.
އެރަށު ކައުންސިލުން ބުނީ، ކާފަ އާއި މުނިކާފަ ޖިންސީ އަނިޔާކުރި 2 އަހަރުގެ ތުއްތު އަންހެންކުއްޖާ އާއި އެއްބަނޑު 5 އަހރާއި 4 އަހަރުގެ ކުޑަ ދެފިރިހެންކުދިން އެއާއިލާގައި ތިބޭ ކަމަށާއި އެކުދިން ބަލަހައްޓަކީ މަންމަ ފަރާތުގެ އާއިލާއިން ކަމަށެވެ.
ދެ އަހަރުގެ ކުޑައަންހެންކުއްޖާ އެކުއްޖާގެ މަންމަގެ އާއިލާގެ ބެލުމުގެ ދަށަށް ގެންދިޔައީ މަންމަ ބަލިވެގެން މާލެ ގެންދިޔުމުން ކަމުގައި ކައުންސިލުން ބުނެއެވެ. ކުޑައަންހެންކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަމުގައި ޝައްކުވެގެން އެކަން ކަމާއި ބެހޭ ފަރާތްތަށް ހުށައެޅީވެސް ކުއްޖާގެ މަންމަގެ އާއިލާއިންނެވެ.
ކައުންސިލުން ބުނީ، އެކުދިންގެ ބައްޕައަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑު އޮންނަ މީހެއްކަމަށާއި އެކުދިންގެ މަންމަ އާއި މެދުވެސް އެފަދަ ތުހުމަތުތައް ކުރެވިފައިވާ ކަމަށެވެ. އަދި އެކުދިންގެ މަންމަގެ ބައްޔަކީ ކޮބައިކަން އެނގިފައި ނުވާ ކަމަށާއި، އޭނާ ބަލިވެގެން ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔުމުން އެ ހޮސްޕިޓަލުން ވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާފައި ކަމަށެވެ.
ކައުންސިލުން ބުނީ ކުއްޖާގެ މަންމަ ބަލިވެގެން މާލެ ގެންދިޔައީ ޖެނުއަރީ 15 ވަނަ ދުވަހުގެ ރޭގައި ކަމަށާއި، 2 އަހަރުގެ ކުޑައަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަވެސް ހުށައެޅުނީ އެރޭގައި ކަމަށެވެ. އަދި އެމައްސަލަ އާއްމު ފަރާތަކުން ކައުންސިލަށް ހުށައެޅީ ޖެނުއަރީ 16 ވަނަ ދުވަހުގައި ކަމަށާއި އޭރު ޖެންޑާ އާއި ފުލުހުން ވަނީ އެމައްސަލަ ބަލަން ފަށާފައި ކަމުގައި ކައުންސިލުން ބުންޏެވެ.
ޖިންސީ އަނިޔާ ލިބުނު 2 އަހަރުގެ ކުޑައަންހެން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާއިރު، އެއާއިލާގައި ދެންތިބި ކުޑަ ދެފިރިހެންކުދިންނާއި އެކުދިންގެ ހާލާއި ގުޅޭ ގޮތުން ކަމާއި ބެހޭ ފަރާތްތަކުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.
2 އަހަރުގެ ކުޑައަންހެންކުއްޖާ ރޭޕްކުރި މައްސަލައިގައި ކުއްޖާގެ ބައްޕަ އާއި ކާފަ އާއި މުނިކާފަ ވަނީ ހައްޔަރުކޮށްފައެވެ. ކުއްޖާގެ ކާފަ އާއި މުނިކާފަގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ޖިންސީ އަނިޔާ ދިނުމުގެ މައްސަލައެވެ. ކުއްޖާގެ ބައްޕަގެ މައްޗަށް ކުރަނީ އިހުމާލު ވުމުގެ ތުހުމަތެވެ.