ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެކުލަވާލާފައިވާ ވޯކިންގ ގުރޫޕުގެ ފުރަތަމަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފިއެވެ.
މެމޮރަންޑަމް އޮފް އަންޑަރސްޓޭޑިން އިން ދަ ފީލްޑް އޮފް ހެލްތު ގެ ދަށުން ކުރިއަށްގެންދިޔަ ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ސިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް އިންޑިއާގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުންނާއި ޢާއްމު ސިއްޙަތު ކުރިއެރުވުމުގައި ފަންނީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުންނެވެ. މީގެއިތުރުން އިންޑިއާގެ އެހީތެރިކަމާއި އެކު ރާއްޖޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކެންސަރު ބައްޔަށް ފަރުވާދޭ ޚާއްސަ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުންވެސް މިބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންވީ މިނިސްޓްރީ އޮފް ހެލްތުގެ ޕާމަނަންޓް ސެކްރެޓަރީ ޚަދީޖާ ޢަބްދުއްސަމަދު ޢަބްދުﷲއެވެ. އަދި އިންޑިއާގެ ފަރާތުން މަޝްވަރާތަކުގައި އިސްބޭފުޅަކަށް ބައިވެރިވެވަޑައިގެންނެވީ އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާގެ ސެކްރެޓަރީ ޕްރިތީ ސުދާންއެވެ.
މިބައްދަލުކުރެއްވުމުގައި ރާއްޖެ އަދި އިންޑިއާގެ ހެލްތު މިނިސްޓްރީގެ އިސްބޭފުޅުންނާއި ރާއްޖޭގެ ފޮރިންގ މިނިސްޓްރީގެ ބޭފުޅުންނާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައ ހުންނަވާ ސަފީރުވެސްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ރާއްޖެއާއި އިންޑިއާ އާއި ދެމެދު ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން އެއްބަސްވުމެއް އެކުލަވާލާފައި ވަނީ މިދިޔަ އަހަރުގެ ޖޫންމަހުގައެވެ.