އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނު އައްޔަންކުރުމަށާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންފުޅުތައް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައިވަނީ އިއްޔެއެވެ.
ސުޕްރީމްކޯޓުގެ ބެންޗަށް މުޢުތަޞިމާއި ޙުސްނުއްޞުއޫދާޢި ޢަބްދުއްރައޫފް އައްޔަންކުރުމާއި ގުޅޭ ގޮތުން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަކަށް އެދިވަޑައިގެން އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންގެ ނަންފުޅުތައް ފޮނުއްވީ މިދިޔަ މަހުގެ 28 ވަނަދުވަހުއެވެ.
ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ސުޕްރީމްކޯޓަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ކުރިމަތި ލެއްވި ފަރާތްތަކާއި ރައީސް ފޮނުއްވި ނަންފުޅުތަކާއި އެކު އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޝަރުތު ފުރިހަމަވި ފަރާތްތަކާއި އިންޓަރވިއުކުރުމަށް ފަހު އެކުލަވާލި ރިޕޯޓު އެ ކޮމިޝަނަށް ލިބިފައިވާކަމަށެވެ.
އެގޮތުން އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އައްޔަންކުރަން ރައީސް ފޮނުއްވި އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނަށާއި ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދާއި ދެބޭފުޅުން އެމަޤާމްތަަކަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެންމެމަތީ މަޝްވަރާ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ސުޕްރީމްކޯޓަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ޢަބްދުއްރައޫފް އިބްރާހިމް އާއި ގުޅޭގޮތުން 3 ޝަކުވާއެއް ކޮމިޝަނަށް ލިބިފައިވާތީ އެ ޝަކުވާތައް ބަލަމުން އަންނަކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ. އަދި އެ ޝަކުވާތައް ބެލުމަށްފަހު ރައޫފްގެ ނަމާއި ގުޅޭ ގޮތުން ގޮތެއް ނިންމާނެކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
އުއްތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި އަޙްމަދު މުޢުތަޞިމް އަދްނާނު ވަނީ މީގެ ކުރިންވެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުކަން ކުރައްވާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ޤާނޫނަށް ބަދަލު ގެނެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ އަަދަދު ފަހަކަށް ބަދަލުކުރުމުން މުޢުތަޞިމް އަދުނާނާއި އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒުގެ ހުސައިން މަޤާމުގެ ގެއްލިގެންދިޔައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަނުކުރެެއްވުމަށް ރައީސް ނަންފުޅު ފޮނުންވާފައިވާ އަލްއުސްތާޛު ޙުސްނުއްޞުއޫދު މިހާރު ހުންނެވީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލި ކޮމިޝަންގެ ރައީސްގެ މަޤާމުގައެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަމުން ދާއިރު މިހާރު، ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ހަވާލުކުރައްވާފައި ވަނީ ދާދި ފަހުން އެކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރަށެވެ. އެކޯޓްގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ޣަނީ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ނިންމާފައެވެ.