ޚަބަރު

މާލޭ ސިޓީގައި މިދިޔަ ހަފްތާގައި އެކަނި 43 އެކްސިޑެންޓެއް


މާލޭ ސިޓީގައި މިދިޔަ ހަފްތާގައި އެކަނި 43 އެކްސިޑެންޓެއް ހިނގާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން އާންމުކޮށްފައިވާ މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އެކްސިޑެންޓުތަކުގައި 5 މީހަކަށް އަނިޔާވެފައިވެއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުން ދުއްވަންޖެހޭ ވަރަށްވުރެ ބާރަށް ވެހިކަލް ދުއްވި 65 މައްސަލައަކާއި ލައިސަންސް ނެތި ވެހިކަލް ދުއްވި 130 މައްސަލައެއްވެސް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ޓްރެފިކު ނިޝާންތަކާ ޚިލާފްވި 15 މައްސަލައަކާއި ފޯނާއި ހެޑް ފޯނުން ވާހަކަ ދައްކަމުން ވެހިކަލް ދުއްވި 33 މައްސަލައެއްވެސް މިދިޔަ ހަފްތާގައި ފާހަގަކުރެވުނުކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި މާލެ ސިޓީގައި ޤަވާއިދާ ޚިލާފަށް ޕާކުކުރި 1480 ވެހިކަލެއްގައި ސްޓިކާ ޖަހާފައިވެއެވެ. އަދި 1121 ވެހިކަލް ޗެކްކޮށްފައިވާއިރު 115 ވެހިކަލް ޓޯވް ކޮށްފައިވެއެވެ. މިދިޔަ ހަފްތާގައި ޤަވާއިދާ ޚިލާފަށް ޓެކްސީކުރި 6 މައްސަލައެއްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.