ޓްރާސްޕޯޓް އޮތޯރިޓީގެ އެއްވެސް މުވައްޒިފަކު ކަނޑާލާނެކަމަށްބުނެ ބިރުދައްކާފައި ނުވާނެކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. 
ޓްރާސްޕޯޓް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ބިރުދައްކައި ކަނޑާލަން އުޅޭކަމަށްބުނެ ބަޔަކު ދައްކަވަމުންދާ ވާހަކަތަކާ ގުޅިގެން ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވެފައިވަނީ އެފަދަ އެއްވެސް ކަމެއް އެމިނިސްޓްރީގެ ދަށުން ހިންގަމުންދާ ޓްރާސްޕޯޓް އޮތޯރިޓީން ކުރަމުން ނުދާކަމަށެވެ. ނަމަވެސް ހާޒިރީން ފަރުވާ ކުޑަކަމަށް ފާހަގަކުރެވޭ މުވައްޒަފުންނާމެދު ސިވިލްސާވިސް ޤާނޫނާއި ގަވާއިދުގެ ތެރެއިން ޢަމަލުކުރަމުންދާކަމަށް އެއިދާރައިން ވަނީ ވިދާޅުވެފައެވެ. 
ވަޒީފާއިން ވަކިކުރުމުގެ ބިރު އުފެދިފައިވާކަމަށްބުނެ ޓްރާންސްޕޯޓް އޮތޯރިޓީގެ 50އަށްވުރެ ގިނަ މުވައްޒަފުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށްވަނީ ހުށަހަޅުއްވާފައެވެ. 
ރައީސުލް ޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ މިޕެޓިޝަންގައި މުވައްޒަފުންގެ ބުނަނީ އެއޮތޯރިޓީން ގިނަ މުވައްޒަފުންތަކެއް ވަކިކުރަން އުޅެނީ ހާޒިރީގެ މައްސަލަތަކެއް ފެންމަތި ކުރުމަށްފަހުކަމަށެވެ. ނަމަވެސް އަނގަބަހުން ނުވަތަ ލިއުމުން ވެސް ކުރިން އިންޒާރެއް ނުދީ ވަގުތުން ފިޔަވަޅު އެޅުމަކީ އިންސާފެއް ނޫންކަމަށެވެ. 
މުވައްޒަފުން ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައިވެސް އެޕްރައިސަލް ފުރިހަމަކޮށްފައި ނުވާކަމަކީވެސް ކަންބޮޑުވުމެއްކަމަށް މި ޕެޓިޝަންގައ ބުނެފައިވެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ 100 ދުވަހުގެ ވައުދު ފުއްދަން ހުކުރެއް ހޮނިހިރެއް ބެލުމެއްނެތި މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި އެ އޮތޯރިޓީގެ މުއައްޒިފުން ކޮށްފައިވާ މަސައްކަތްތައްވެސް މި ޕެޓިޝަންގައި ރައީސްގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.