މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުގެ މަސައްކަތް ފުރިހަމަކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ބައެއް ޤާނޫނޫތަކަށް އިސްލާހު ގެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރިޟްވާންގެ މަރާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ރިޕޯޓާ ގުޅިގެން ބަންޑާރަ ނައިބާއި ޕްރޮސިކިއުޓަރ ޖެނެރަލާއި ރިޔާސީ ކޮމިޝަނުގެ މެންބަރުންނާއި ދިފާއީ ބާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އެގޮތުން މި މައްސަލައިގެ ތަޙްޤީޤާ ގުޅޭގޮތުން މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން އަވަސްކުރުމަށް ހުރިހާ ފަރާތަކުންވެސް އެއްބަސްވެވަޑައިގެންފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި މައްސަލަ ތަޙްޤީޤު ކުރުމަށް ކުރަމުންދާ މަސައްކަތުގައި ޤާނޫނީ ހުރަސްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ކޮމިޝަންގެ މަސައްކަތްތަކަށް އޮތް ހުރަސްތައް ނައްތާލުމަށް ބައެއް ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ނިންމަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޓެރަރިޒަމާ ބެހޭ ޤާނޫނާއި ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މިހާރު ނިންމަވާފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރުމަށް އެކުލަވާލި ކޮމިޝަނުގެ ތަޙްޤީޤުން ހާމަވާ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެމަނިކުފާނާއި މި ސަރުކާރު ފަހަތައް ނުޖެހޭނެ ކަމަށެވެ. އަދި މި މައްސަލަތަކުގައި ތަޙްޤީޤަށް ސުވާލުކުރަންޖެހޭ ފަރާތްތަކާ ސުވާލުކޮށް މިހާރުން މިހާރަށް ބަންދުކުރަންޖެހޭ މީހަކު ހުރިނަމަ އެމީހަކު ބަންދުކޮށް ކޮމިޝަނަށް ބޭނުންވާ މަޢުލޫމާތު ލިބޭނެ މަގު ފަހިކޮށްދޭނެ ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރުމަށް އެކުލަވާލި ކޮމިޝަނުން 2 ޑްރާފްޓެއް އެކުލަވާލައި އެމަނިކުފާނަށް އަރުވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި ރިޟްވާނުގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓު ނިންމައި ރައީސަށް އެރުވުމަށް ކޮމިޝަނަށް ދަންނަވާފައިވާކަމަށާ، މި މައްސަލައިގެ އިތުރުން އެ ކޮމިޝަނުން ތަޙްޤީޤުކުރަމުންދާ އިތުރު މައްސަލަތަކުގެ ތަޙްޤީޤުވެސް ވަރަށް ހަލުވި ކަމާއެކު ކުރިއަށްދާކަމަށް ރައިސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަޙްޤީޤުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާ އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަޙްޤީޤުގެ ބޮޑުބައެއްވެސް ނިމިފައިވާކަމަށެވެ.