ޚަބަރު

ރޭސިން މުބާރާތެއްގައި ބައިވެރިވުމަށް ރާއްޖޭގެ ޓީމެއް ސްރީ ލަންކާއަށް


ސްރީ ލަންކާގައި އޮންނަ ހަޗް ސްރީ ލަންކާ ސުޕަރ ސީރީސް 2019 ކަޓުކުރުންޑަ ސަރކިޓް މީޓް ރޭސިން މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޔުނައިޓެޑް ރައިޑަރސް ރޭސިން ޓީމު އެ ޤައުމަށް ހިނގައްޖެއެވެ.

އަންނަ މަހުގެ 7ން 8އަށް ބާއްވާ މި މުބާރާތުގައި ޔުނައިޓެޑް ރައިޑަރސްގެ ފަރާތުން ދިވެހި 4 ރައިޑަރސް ވާދަކުރާނެއެވެ. އެއީ އަޙުމަދު ޒަޔާން ޒައީމާއި އަޙުމަދު ސަޢީދާއި ހަމްދޫން ނަސީރުގެ އިތުރުން އިސްމާއިލް އައިސަރުއެވެ. މުބާރާތުގައި އަހުމަދު ޒަޔާން ޒައީމް ވާދަކުރާނީ ސިކްސް ހަންޑްރެޑް ސީސީ ކެޓަގަރީގައާއި ސުޕަރ ބައިކް އޯޕަން އިވެންޓުގައެވެ. އަހުމަދު ސައީދު ވާދަކުރަނީ ތައުޒަން ސީސީ ކެޓަގަރީއާއި ސިކްސް ހަންޑްރެޑް ސީސީއާއި ސުޕަރ ބައިކް އޯޕަން ކެޓަގަރީގައެވެ. ހަމްދޫން ނަސީރު ވާދަކުރާނީ ތައުޒަން ސީސީ ކެޓަގަރީގައާއި ސުޕަރ ބައިކް އޯޕަން ކެޓަގަރީގައެވެ. އަދި އިސްމާއިލް އައިސަރު ވާދަކުރާނީ ތައުޒަން ސީސީ ކެޓަގަރީގައާއި ސުޕަރ ބައިކް އޯޕަން ކެޓަގަރީގައެވެ. މީގެ އިތުރުން ޔުނައިޓެޑް ރައިޑަރސްގެ ޓީމާއި ލަންކާގެ އެއްވަނަ ރައިޑަރ ޕްރަމޫކާވެސް ގުޅޭނެއެވެ.

މުބާރާތުގައި ވާދަކުރުމަށް ލަންކާއަށް ފުރުމުގެ ކުރިން ޓީމުގެ ފަރާތުން ވާހަކަދައްކަމުން އަހުމަދު ޒަޔާން ޒައީމް ބުނީ މީގެ ކުރިންވެސް މިފަދަ މުބާރާތްތަކުގައި ދިވެހިން ވާދަކޮށް ރަނގަޅު ވަނަތައް ހޯދާފައިވާކަމަށާއި ނަމަވެސް މިއީ މޯލްޑިވްސް ރޭސިން އެސޯސިއޭޝަނާއި ގުޅިގެން މިފަދަ ގޮތަކަށް ރާއްޖޭގެ ޓީމެއް ބައިނަލްއަޤުވާމީ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރަށް ވުމުން މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދަން ކެތްމަދުވެފައިވާކަމަށެވެ. އަދި ލަންކާގެ އެއްވަނަ ދުއްވުންތެރިޔާ ޔުނައިޓެޑް ރައިޑާސްއާއި ގުޅި، ދިވެހި ދުއްވުންތެރިންނަށް ލަންކާގައި ތަމްރީނުތައް ފުރިހަމަކުރަން ފުރުޞަތު ލިބިގެން ދިއުމަކީ މި މުބާރާތުން ރަނގަޅު ކާމިޔާބީއެއް ހޯދަންކުރާ އުންމީދަށް ލިބުނު ބޮޑު ހިތްވަރެއްކަމަށެވެ.

މިއީ ލަންކާގައި ބޭއްވޭ އެންމެ ބޮޑު ރޭސިން މުބާރާތެކެވެ.