ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ކިރްގިސްތާނާ ވާދަކޮށް ސީދާ ތިން ސެޓުން ރާއްޖެ ބަލިވެއްޖެއެވެ.
މެޗުގެ ފުރަތަމަ ސެޓު ފަސޭހަކަމާއެކު ކިރްގިސްތާން ކާމިޔާބުކުރީ 25-15ންނެވެ. ދެވަނަ ސެޓުގައި ދިވެހި ޓީމުގެ ކުޅުން ރަނގަޅުކުރިތަން ފެނުނެވެ. މެޗުގެ ދެވަނަ ސެޓު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މި ސެޓުގައި ކިިގިސްތާނަށް ލީޑު ލިބުނީ ރާއްޖެއިން ތޭވިސް ޕޮއިންޓް ހޯދާފަވަނިކޮށެވެ. މި ސެޓު ކިރިގިސްތާނުން ކާމިޔާބުކުރީ 26-24ންނެވެ. މެޗުގެ ތިންވަނަ ސެޓު ކިރްގިސްތާން ކާމިޔާބު ކުރީ 25-19ންނެވެ،
މިއީ މުބާރާތުގައި ކިރިގްސްތާން ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗު ނޭޕާލާ ވާދަކޮށް ކިރްގިސްތާން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މި ނަތީޖާއާއިއެކު ކިރްގިސްތާންވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ނޭޕާލާ ދެކޮޅަށެވެ. ރާއްޖެ ހިމެނޭ ގުރޫޕު އޭގައި ހިމެނެނީ ނޭޕާލާއި ކިރިގިސްތާނެވެ. ގްރޫޕު ބީގައި ހިމެނެނީ އުޒްބަކިސްތާން، ބަންގަލަދޭޝް، ތުރުކުމަނިސްތާން އަދި އަފްޣާނިސްތާނެވެ.
މުބާރާތުގެ ކުރިން ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި ރާއްޖެއިންވަނީ އެކުވެރިކަމުގެ ތިން މެޗު އަވައްޓެރި ލަންކާއާއި ދެކޮޅަށް ކުޅެފައެވެ. ތިން މެޗުން ރާއްޖެވަނީ ބަލިވެފައެވެ.
މި އަހަރުގެ ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތް ކުރިޔަށްދާނީ މިމަހުގެ 24ގެ ނިޔަލަށެވެ.