ކުޑަކުދިންގެ ހިޔާއަށް ދިމާވެފައިވާ އެންމެބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމާއި،  މުވައްޒަފުން މަދުވުންކަމުގައި ކުޑަކުދިންގެ ހިޔާއިން ވިދާޅުވެއްޖެއެވެ. 
ކުޑަކުދިންގެ ހިޔާގައި ހުރި މައްސަލަތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި ވާހަކަފުޅުދައްކަވަމުން ކުޑަކުދިންގެ ހިޔާގެ ޑިރެކްޓަރ ފާތިމަތު ޝިއުނާ ވިދާޅުވީ ހިޔާގައި މިވަގުތު 42 ކުދިން ތިބިއިރު މި ކުދިންގެ ކަންކަން ބެލެހެއްޓުމަށް ތިބީ 33 މުވައްޒިފުންކަމަށެވެ. 
އެޗްއާރުސީއެމްގެ ގައިޑް ލައިންގައިވާ ގޮތުން މިހާރު ތިބި ކުދިން ބެލެހެއްޓުމަށް އިތުރު 24 ސްޓަފުން ތިބެންޖެހެއެވެ. ނަމަވެސް މިހާތަނަށް ޖެންޑަރ މިނިސްޓްރީންނާއި، ކުޑަކުދިންގެ ހިޔާއިން ކުރި މަސައްކަތުން ސިވިލްސާވިސް ކޮމިޝަނުން ދޭން ނިންމާފައިވަނީ 10 ޖާގަކަމަށް އޭނާ ވިދާޅުވިއެވެ. މުވައްޒުފުން މަދުވުމުގެ އިތުން ޖާގައިގެ ދަތިކަމަކީވެސް ނުހަނު ބޮޑު ކަމެއްކަމަށާ، އެކި ބާވްތަތަކުގެ ކުދިން އެހިޔާގައި އުޅޭއިރު އެކުދިން ވަކިން ގެންގުޅުމުގައި މިހާރު ދަތިތަކެއް ހުރިކަމަށް ޝިއުނާ ވިދާޅުވިއެވެ. 
ކުޑަކުދިންގެ ހިޔާގައި ހުރި މައްސަލަތައް ފާހަގަކުރައްވަމުން ޝިއުނާ ވިދާޅުވީ، ތަނުގެ މުވައްޒިފުންގެ މެދުގައި އޮންނަންޖެހޭ ގުޅުން ނެތުމަކީވެސް ދިމާވެފައިވާ ގޮންޖެހުމެއްކަމަށެވެ. މީގެ އިތުރުން ފިރިހެން މުވައްޒިފުން ލިބިން ދަތިވުމަކީވެސް ކަންބޮޑުވުމެއްކަމަށާއި، މިވަގުތުވެސް ކުޑަކުދިންގެ ހިޔާގައި ހަރަކާތްތެރިވަނީ 5 ފިރިހެން މުވައްޒިފުންކަމަށް އޭނާ ވިދާޅުވިއެވެ. 
ކުޑަކުދިންގެ ހިޔާގެ ތަފާސްހިސާބު ދައްކާގޮތުން އެހިޔާއަށް އެންމެ ގިނަޢަދަދަކަށް ކުދިން ނަގާފައިވަނީ 2015ވަނަ އަހަރުއެވެ. ކުޑަކުދިންގެ ހިޔާގައިހުރި މައްސަލަތަކާ ގުޅޭގޮތުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމަށް މިނިސްޓްރީގެ ފަރާތުން އެއްވެސް ސިޔާސީ ބޭފުޅެއް ވަޑައިގެންފައި ނުވާކަން ފާހަގަކޮށްލެވެއެވެ.