ޚަބަރު

ވިއްސާރައިގައި އައްޑޫ ސިޓީގެ ތިރީހަށްވުރެ ގިނަ ގެއަށް އެކިވަރުގެ ގެއްލުން ވެއްޖެ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ ގިނަ އަދެދެއްގެ ގެއަށް އެކި ވަރުގެ ގެއްލުންވެއްޖެއެވެ.

ރޭދަންވަރު އައްޑޫ ސިޓީއަށްކުރި ވިއްސާރާގައި ބައެއް ގޭގޭގެ ފުރާޅު އެއްލާލުމާއި ރުށްގަސް ވެއްޓުންފަދަ ހާދިސާތައް ހިނގާފައިވެއެވެ. އަދި ބައެއް ގެތަކަށް ފެންވަދެ އެކިވަރުގެ ގެއްލުންވެސް ވެފައިވެއެވެ. އަދި މަގުތަކުގައި ހުރި ބައެއް ބިޔަ ގަސްތައްވެސް ވައިގަދަވުމުގެ ސަބަބުން ވެއްޓިފައިވެއެވެ.

އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޑިޒާސްޓާރ މެނޭޖުމަންޓް އޮތޯރިޓީއާއި އައްޑޫ ސިޓީ ކައުންސިލުން މިހާރު ދަނީ ރައްޔިތުންނަށް އެހީ ތެރިކަން ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

އައްޑޫސިޓީ ކައުންސިލުގެ މޭޔަރ ޢަބްދުﷲ ޞޯދިޤް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ރޭގެ ވިއްސާރައިގައި ގާތްގަނޑަކަށް 40 ގެއަށް އެކިވަރުގެ ގެއްލުންވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ވިއްސާރައިގައި ފުރާޅަށް ގެއްލުންވި ގެތަކަށް އެހީތެރިކަން ފޯރުކޮށްދީ، މަގުތައް ސާފުކުރުމުގެ މަސައްކަތުގައި އައްޑޫ ސިޓީގެ އެކި މުޢައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުން ދާކަމަށެވެ.

ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީންވެސް ވަނީ އައްޑޫ ސިޓީގެ 30ގެއަށް އެކިވަރުގެ ގެއްލުންވެގެން ރިޕޯޓުކޮށްފައިވާކަމަށް ބުނެފައެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ މިއީ ބަންދު ދުވަހެއްކަމުން ގެއްލުންވި ގެތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ބައެއް ސާމާނު ހޯދުމުގައި ދަތިތަކެއް ދިމާވަމުންދާކަމަށެވެ. ނަމަވެސް ވީ އެންމެ އަވަހަކަށް ގެތަކަށް އެހީތެރިކަން ފޯރުކޮށްދީ މަގުތައް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

މޫސުމާބެހޭ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ކުރިއަށް ހުރި ގަޑިތަކުގައި ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭކަމަށް ބުނެފައެވެ. އަދި ކަނޑުތަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.