ފަރުޟް ޙައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން 80 އިންސައްތަ ދޫކުރެވޭގޮތަށް ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައިފިއެވެ.
މި އިސްލާހު ތަސްދީޤު ކުރެއްވުމާއެކު، ފަރުޟް ޙައްޖުގެ އަޅުކަން އަދާކުރުމަށް އެ އަހަރަކު ޙައްޖަށް ދިޔުމަށް ދައްކަންޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ޢަދަދަށްވާ ފައިސާގެ 80 އިންސައްތަ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުން މިހާރު ދޫކުރެވޭނެއެވެ.
ޙައްޖުވުމަށް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަރުޟު ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެތެރެއިން ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ބެލެންސްގައި މަދުވެގެން 336،000 (ތިންސަތޭކަ ތިރީސް ހަހާސް) ރުފިޔާ ޖަމާކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ޙައްޖުވުމަށް ޕެންޝަން ސްކީމުގެ މެންބަރުންނަށް ބޭނުންކުރެވެން ހުރި އަދަދު، އެ މެންބަރެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓު ސްޓޭޓްމަންޓުންނާއި ޕެންޝަން އޮފީހުގެ މޯބައިލް އެޕްލިކޭޝަނުން ބެލޭނެ އިންތިޒާމުވެސް ޕެންޝަން އޮފީހުން ވަނީ ހަމަޖައްސާފައެވެ.
ޕެންޝަން ފަންޑު މެދުވެރިކޮށް ޙައްޖަށް މީހުން ގެންދިއުމާ ގުޅޭގޮތުން އެކުލަވާލި އުސޫލުގައިވާ ގޮތުން ޙައްޖަށް ދާން އެއަހަރަކު އެދޭ ހުރިހާ އެންމެނަށް ފައިސާ ދޫކުރަންޖެހޭނެއެވެ. އަދި އެ ފައިސާ ދޫކުރާނީ ޙައްޖަށް ގެންދާކަމުގެ ލިޔުމެއް ލިބުމުންނެވެ.
ޙައްޖަށް ދިއުމަށް ޕެންޝަން ފަންޑުން ފައިސާ ނެގި ބައިވެރިޔަކު އެއްވެސް ސަބަބެއް ދިމާވެ އެ އަހަރަކު ހައްޖަށް ނުދެވިއްޖެނަމަ އެ އަހަރެއްގެ ހައްޖު ދުވަހުގެ ފަހުން 30 ދުވަހުގެ ތެރޭގައި ހައްޖަށް ދާން ލިބުނު ފައިސާ އަނބުރާ ޕެންޝަން އޮފީހަށް ރައްދު ކުރަން ވާނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަށާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެންނެވި އިސްލާހުތައްވެސް ތަސްދީޤު ކުރައްވާފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގެ ތެރޭގައި އިސްލާމީ ޔުނިވަރސިޓީގެ އިސް އޮފިސަރުންނާ ގުޅޭ މާއްދާއަކާއި ޗާންސެލަރ އާއި ވައިސް ޗާންސެލަރ އަދި ޑެޕިއުޓީ ވައިސް ޗާރސެލަރއާ ބެހޭ ބައެއް މާއްދާތައް ހިމެނެއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުގައި ހިމެނެނީ ޔުނިވަރސިޓީ ކައުންސިލުގެ މެންބަރުންނާ ގުޅޭގޮތުން ހުރި ބައެއް މާއްދާތަކަށް ގެނެސްފައިވާ އިޞްލާހު ތަކެވެ.
މި ތިންބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ބިލުތައް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.