ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދަށް ސީޝެލްސްގެ ސަރުކާރުން ވަރަށް ހޫނު މަރްޙަބާއެއް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، ސީޝެލްސްގެ ރައީސްގެ ރަސްމީ އޮފީހުގައި މިއަދު ހެނދުނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސީޝެލްސްގެ ރައީސްގެ އޮފީހަށް ވަޑައިގަތުމުން، މަރްޙަބާ ވިދާޅުވީ، ސީޝެލްސްގެ ރައީސް ޑެނީ ފޯރއެވެ. މިރަސްމިއްޔާތުގައި މަރުޙަބާ ދެންނެވުމަށް ތައްޔާރުކޮށްފައިވާ ސްޓޭޖަށް ރައީސުލްޖުމްހޫރިއްޔާއާ ސީޝެލްސްގެ ރައީސް އަރާވަޑައިގެންނެވުމުން ދިވެހިރާއްޖެއާއި ސީޝެލްސްގެ ޤައުމީ ސަލާން ވަނީ ކުޅެފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
އެއަށްފަހު ސީޝެލްސްގެ ރައީސް ވަނީ ސަރުކާރުގެ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުން، ސީޝެލްސްގެ ރައީސަށް ތަޢާރުފުކޮށް އެރުވުންވެސް މިރަސްމިއްޔާތުގައި އޮތެވެ.
މަރުޙަބާ ދެންނެވުމުގެ މިރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ރަސްމީ ފޮޓޯފުޅެއް ނެންގެވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅަކީ ސީޝެލްސްގެ ރައީސްގެ ދަޢުވަތަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅެކެވެ.