ޚަބަރު

އެތައް ބައެއްގެ ދިރިއުޅުން ޝަރުޢީ ނިޒާމުގެ ތެރޭގައި ތާށިވެފައިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް - އީވާ


ޢާންމު ރައްޔިތުންގެތެރެއިން އެތައް ބައެއްގެ ދިރިއުޅުން ޝަރުޢީ ނިޒާމުގެ ތެރޭގައި ތާށިވެފައިވާކަމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށާ، މިކަން ޙައްލުކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓްގައި ނުނިމިހުރި މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ރިޕޯޓާ ބެހޭގޮތުން ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ކުދިކުދި މައްސަލަތަކުގައާއި މުޖުތަމަޢުގައި ކަންބޮޑުވާފަދަ ދަރަޖާގައިހުރި މައްސަލަތައްވެސް ކޯޓްތަކުގައި ނުހިނގައި އެތަކެއް އަހަރުތަކެއް ވަންދެން ހުރުމަކީ ކަންބޮޑުވާކަމެއްކަމަށެވެ.

ނަމަވެސް ސިޔާސީ ފަރާތްތަކުގެ މައްސަލައެއް ކޯޓްތަކަށް ވަދެއްޖެނަމަ ނުހަނުބާރަށް ހިނގާކަމީ ފެންނަންއޮތް ހަގީގަތެއް ކަމަށާ، މިކަން މިނޫންގޮތަކަށް ހަމަޖެހެން ޖެހޭކަމަށް އީވާ ވިދާޅުވިއެވެ. އަދި މިފަދަ މައްސަލަތަކުގައި ޢާންމު ނިކަމެތި ރައްޔިތުން ގޭބަންދުގައި ނުވަތަ މައްސަލައަށް، ވާގޮތެއްނޭގި އެތަކެއް އަހަރުވަންދެން މަސައްކަތެއްނުކުރެވި ބަންދުގައި ހުންނަންޖެހުމަކީވެސް ކަންބޮޑުވާންޖެހޭ ކަމެއްކަމަށެވެ.

މިމައްސަލާގައި ވާހަކަދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ އަނިޔާކޮށްގެން ދައުވާކުރާ ފަރާތްތަކުގެ މައްސަލަތަކާއި ބަދުއަޚުލާޤީ މައްސަލަފަދަ ޢާންމު މުޖުތަމައާ ގުޅުންހުރި ބައެއް މައްސަލަތައް ކޯޓްތަކުގައި ނުހިނގައި ހުރިކަމީ ފެންނަން އޮތް ހަގީގަތް ކަމަށެވެ. ނަމަވެސް މިކަންކަން ހައްލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރަގަނޅު މަސައްކަތްތަކެއް ކުރެވިދާނެކަމަށާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިރިޕޯޓަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ކުރެވެން އޮތް ހުރިހާކަމެއް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރޮޒައިނާ ވަނީ ޝަރުޢީ ދާއިރާގައިހުރި މައްސަލަތައް އިސްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މިއަދުގެ ޖަލްސާގައި ވާހަކަފުޅުދެއްކެވި ހުރިހާ މެމްބަރުންވެސްވަނީ ކްރިމިނަލް ކޯޓްގައި ނުނިމިހުރި މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ރިޕޯޓަށް ތާއީދުކުރައްވައި އޭގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކުރުމަށް ގޮވާލައްވާފައެވެ.