ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި އަލަށް 11 ރިސޯޓެއް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ. 
މިއަހަރުގެތެރޭ ދުނިޔޭގެ މަޝްހޫރު އެތައް ބްރޭންޑެއްގެ ރިސޯޓްތައް ރާއްޖޭގައި ހުޅުވިގެންދާނެކަމަށް ލަފާކޮށްފައިވާއިރު މިއަހަރު މިހާތަނަށް ގިނަ އަދަދެއްގެ ރިސޯޓްތައް ވަނީ ހުޅުވާފައެވެ. 
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ވަނީ 12 ރިސޯޓު އަލަށް ހުޅުވާފައިވެއެވެ. މިއާއެކު މިއަހަރު ނިމޭއިރު، އަލަށް ހުޅުވާފައިވާ ރިސޯޓްތަކުގެ އަދަދު 23 އަށް އަރާނެއެވެ. 
މިއަހަރުތެރޭ ހުޅުވާފައިވާ ބައެއް ރިސޯޓްތަކުގެ ތެރޭގައި ސްޕެއިންގެ ރިއު ހޮޓެލްސް އެންޑް ރިސޯޓްސްއިން  ދ. އަތޮޅު ކެދިގަނޑުގައި ތަރައްޤީކޮށްފައިވާ ރިއު ޕެލެސް މޯލްޑިވްސް އަދި ރިއު އެޓޯލްއެވެ. 
  
ސިންގަޕޫރުގެ މަޝްހޫރު ހޮޓެލް ޗެއިނެއްކަމަށްވާ އެކޯ ހޮޓެލްސްގެ އެންމެ އަގުބޮޑު ބްރޭންޑް- ރެފްލްސް ބުރޭންޑުން ގއ. މެރަދޫގައި ހުޅުވި "ރެފްލްސް މޯލްޑިވްސް މެރަދޫ ރިސޯޓާއި"،  ރެސިޑެންސް މޯލްޑިވްސް އިން ހުވަދު އަތޮޅު އުތުރުބުރީ ދިގުރަށުގައި ތަރައްޤީކޮށްފައިވާ ދަ ރެސިޑެންސް މޯލްޑިވްސް އެޓް ދިގުރަށް ރިސޯޓާއި މާލެ އަތޮޅުގައި ތަރައްޤީކޮށްފައިވާ "ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި" ރިސޯޓު ފާހަގަކޮށްލެވެއެވެ. 
 
މިއަހަރުތެރޭ ހުޅުވުމަށް ރާވާފައިވާ ރިސޯޓްތަކުގެ ތެރެއިން އެންމެ އަަވަސް ތާރީޙެއްގައި ހުޅުވިގެންދާނީ ލ. އަތޮޅުގައި ތަރައްޤީކުރާ ރަހާ ރިސޯޓެވެ. މި ރިސޯޓް އީދު ބަންދާއި ދިމާކޮށް ހުޅުވުމަށްވަނީ ހަމަޖެހިފައެވެ.