ޚަބަރު

ފަރިވާގައި ރޯވީ ސްޓެލްކޯގެ ސަބަބުން ނޫން ކަމަށް ހައިކޯޓުންވެސް ނިންމައިފި


ދެހާސް ސޯޅަވަނަ އަހަރުގެ ޖެނުއަރީ މަސް ތެރޭގައި ފާމުލަދޭރި މަގުގައި ހުންނަ ފަރިވާ ފިހާރާގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ ހިނގީ ސްޓެލްކޯގެ އިހުމާލުން ކަން ސާބިތުނުވާ ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

އެ ހާދިސާގައި ފަރިވާ ފިހާރަ އެއްކޮށް އަނދާ ހުލިވިއެވެ. އެ މައްސަލާގައި އެ ފިހާރައިގެ ވެރިޔާ ހުސައިން ރަޝީދު ދައުވާ ކުރީ އެތަނުގައި އަލިފާން ރޯވީ އެ މަގުގައި ސްޓެލްކޯއިން ބަހައްޓާފައި ހުރި ކަރަންޓް ފޮށީގައި ރޯވެ، ފިހާރައާ ހަމައަށް އަލިފާން ގޮސްގެން ކަމަށްވާތީ ގެއްލުމުގެ ބަދަލަށް 33 މިލިއަން ރުފިޔާ ހޯދުމަށެވެ.

އެ މައްސަލާގައި ސިވިލް ކޯޓުންވެސް ވަނީ ފަރިވާގައި ރޯވީ ސްޓެލްކޯގެ ކަރަންޓް ފޮށީގެ ސަބަބުންކަން ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައެވެ. އެ މައްސަލަ ހުސައިންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވެސް ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި އެކަމުގެ ސްޓެލްކޯގެ އިހުމާލެއް އޮތްކަން ސާބިތުނުވާ ކަމަށް ނިންމާފައެވެ.

ހައި ކޯޓުގެ ހުކުމުގައިވަނީ ކަރަންޓް ފޮށީގެ މަތީގައި ރޯވެފައި ހުއްޓާ ފެނުނު ކަމަށް ދަށު ކޯޓުގައި ތިން މީހަކު ހެކިބަސް ދީފައި ވިޔަސް، އެ ހާދިސާގައި އަލިފާން ރޯވެގެން އައީ އެ ފޮށި ތެރެއިން ކަން ހެކިންގެ ބަހުން އެނގެން ނެތް ކަމަށެވެ. އަދި ފުލުހުންގެ ފޮރެންސިކް ރިޕޯޓުންވެސް އެކަން ސާބިތު ނުވާ ކަމަށް ހުކުމްގައިވެއެވެ.

ހައިކޯޓުން ވަނީ މި މައްސަލާގައި ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފައެވެ.