 
					
									
			މާޒީވެދިޔަ ދުވަސްތަކުން ބަޠޫލްގެ ހިތަށްވަނީ ފަޅުކަމެއް ގެނެސްދީފައެވެ. ހިތުގައިވާ އެތަކެއް އުއްމީދުތަކެއް ވަނީ ފުރިހަމަނުވެއެވެ. ޙަގީގަތަކަށް ވުމަށް އެދިއެދި ހުރި އެތަކެއް ހުވަފެނެއް ގައި ވަނީ ކުލަ ނުޖެހިއެވެ. 
ބަޠޫލް ގެ ތެމިފައިވާ ލޮލުގެ ތެރޭންވެސް އުޖާލާ މުސްތަގުބަލެއްގެ ހުޅުކޮޅު ދެކޭކަހަލަ އެވެ. ވީރާނާވެފައިވާ އެ ދެލޮލުން އުއްމީދުތަކާއެކު ވެސް ފެންނަމުން ދަނީ މާޔޫސީ އާއި މަޖްބޫރުކަމެވެ. ފޫހިކަމާއި ފަޅުކަމެވެ. ބަރު ފިޔަވަޅު ތަކެއް ގައި ބަޠޫލް ހިގަމުން ދިޔައެވެ. ހަށިގަޑު ގެ ބަރު ވެސް ނުހިފެހެއްޓޭ ކަހަލަ ގޮތަކަށެވެ. ބަރުހެލި ގޮތަކަށް ހޫރެމުންނެވެ. ވަށައިގެން ހިގަމުންދާ އެއްވެސް ކަމެއް އިޙްސާސްވެސް ނުކުރެވޭ ކަހަލައެވެ. 
ބަޠޫލް ގެ ކުދިކުދިވެ ޒަޚަމް ވެފައިވާ ހިތައް އަރަމުން ދިޔައެވެ. ކަނޑުގައި އުފެދެމުންދާ ރާޅުތަކަށްވެސް އޮޔާ ވައިގެ އެހީތެރިކަން ލިބެއެވެ. ނަމަވެސް މަންޒިލާ ހަމަޔަށް ދެވުމުގެ ކުރިން އެކަނި ކޮށްލައެވެ. މިއަދު ބަޠޫލްގެ ހަޔާތެކޭ އޮއި ދެމެމުންދާ ކޯރެކޭ އެއް ފަދައެވެ. ދުނިޔޭގެ ހަލަބޮލި ދިރިއުޅުމުގަ އިންސާނުން އެތައްކަމެއް ތަޖުރިބާ ކުރެއެވެ. އިންސާނާ އެއްވެސް ފިކުރެއް ޚިޔާލެއް ނެތި އޭނަގެ ޅަ އުމުރު ކުޑަކުއްޖެއް ގެ ގޮތުގައި ހޭދަކޮށްލައެވެ. 
އެތައްބަޔަކަށް އުފާވެރިކަން ދިނުމަށް ފަހުގައެވެ. ނަމަވެސް  އެ ދުވަސްތައް ފަހަނަޅާދިޔުމާއެކު އުފަލާ ހިތާމަ ތަޖުރިބާކުރަން ފަށައެވެ. ބަޠޫލް އަކީ ވެސް މިފަދަ ފޮނިފޮނި ދުވަސްތަކެއް ތަޖުރިބާ ކޮށްފަވާ އަދި އެކަން ދުށުމަށް އެދިއެދި ހުރި ނިކަމެތި އަންހެނެކެވެ. ހަޔާތުގެ އެންމެ ޒުވާން ދުވަސްވަރު ތާޒާކަމާއެކު ފަރިވެ ފޮޅިފައިވާ މަލެއް ފަދަ ކުއްޖެކެވެ. ހުނުމާއި މަޖަލުގައި ޅައިރުގެ ދުވަސްތައް ވޭތިކުރުމަށް ފަހު ޒުވާންކަމާ ކުރިމަތިލީ  އުފާވެރިކަމުގެ މީރުވަހުން ހުވަނދު ލެވިފައިވާ ފަދަ ގޮތަކަށެވެ. ބަގީޗާ ތަކުގައި ކޮކާލެއް ފަދައިން ބަޠޫލް އުދުހެމުން ދަނިކޮށް ލޯބީގެ މީރުވަހުން ބަޠޫލްގެ ދިރިއުޅުން މަސްތުކޮށްލިއެވެ. ބަޠޫލްގެ ހުސްކޮށް އޮތް ސާފު ހިތް އިޝްގީ ލޯބިން ދީވާނާކޮށްލައިފިއެވެ.  އަބަދާއަބަދު އެ ހިތް ޒަޚަމް ކޮށްލި އެފިރިހެން ވަންތަކަން ދުށުމަށް އެދި ބޭގަރާރު ވާންފެށިއެވެ. އެހިނިތުން ވުމާ އެ އަސަރުގަދަ ދެލޮލުގެ އަސަރުގަޖެހި ވަގުތުތައް ގުނަން ފެށިއެވެ. 
ބަޠޫލް އޭނަގެ މާޒީގެ ފޮނިފޮނި ދުވަސް ތަކުގެ ޚިޔާލުގައި ހުރެ ހިގަމުން ދިޔައެވެ. ބަޠޫލް ގެ ހިތައް އަރަމުން ދިޔައެވެ. ބައެއްމީހުން  އިޝްގީ ލޯބި ސިފަކުރަނީ ދިރުންހުރި ހިޔަންޏެއްގެ ގޮތުގައެވެ. އެކަމަކު ގިނަމީހުން އެގޮތަށް ގަބޫލު ކުރިނަމަވެސް އެހިޔަނީގައިވާ އިޙްސާސް ތަކެއް އެމީހުން ނުދަންނަ ކަހަލައެވެ. ހިތުގައި ހިގަމުންދާ ޝުޢޫރުތައް ވެސް ނުފެނެއެއް ނޫން ހެއްޔެވެ.  ހަމަ އެގޮތަށް ލޯބީގެ ހިޔަނީ ގެ ޙަގީގަތެއް ވެސް އެފަދަ މީހުނެއް ނުދަނެއެވެ.  ލޯބީ ގެ އެހިތި ހަދާންތަކާ އެކުވެސް ފޮނިފޮނި ރިހުމެއްގެ އަސަރު ބަޠޫލްގެ ހިތުގައި ވެއެވެ. 
ނުނިމޭ...  
ނޯޓް : ސާމިޔާ އަހްމަދަކީ ވާހަކަ ލިޔުމުގައި ކުރިއަރަމުން އަންނަ ޒުވާން ލިޔުންތެރިއެކެވެ. ސާމިޔާގެ ގިނަ ވާހަކަތަކަށް ވަނީ ރޭޑިއޯ ޑްރާމާ އުފައްދާ ގެނެސްދީފައެވެ.