ޚަބަރު

މޯދީ ބޭނުންފުޅުވަނީ ތަޤްރީރުކުރެއްވުމަށް ބާއްވާ ޖަލްސާ މަޣްރިބް ނަމާދަށްފަހު ބާއްވަން- މަޖިލިސް އިދާރާ


އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތަޤްރީރުކުރެއްވުމަށް ޚާއްސަކޮށްގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެމަނިކުފާނު ވަޑައިގަންނަވަން ބޭނުންފުޅުވެވަޑައިގަންނަވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޣްރިބު ނަމާދުކުރައްވަން ވަގުތު ދެއްވުމަށްފަހުގައިކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާއިން މިކަން ހާމަކުރައްވާފައިވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ޒިޔާރަތް ކުރައްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަށް ޚާއްސަކޮށްގެން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

މި ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޝެޑިއުލް މިގޮތަށް ބަދަލުކުރެއްވީ، އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތަކީ މަޣްރިބު ނަމާދު ވަގުތާއި ކައިރި ވަގުތަކަށްވާތީ، ނަމާދުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފުރުޞަތު އެރުވުމުގެ ގޮތުންކަމަށެވެ. އެހެންކަމުން، އެ ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ މަޣްރިބު ނަމާދަށް ފަހުގައި ކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.

މޯދީ ތަޤްރީރުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، މަޣްރިބް ނަމާދަށްފަހު ބާއްވަން ބޭނުންފުޅުވާކަމަށް މޯދި ހާމަކުރައްވާފައިވާއިރު، ކުރިން އެ ޖަލްސާ ބައްވާ ވަގުތާއި މަޣްރިބް ނަމާދު ވަގުތު ދިމާވާތީ ބައެއް މެންބަރުންނާއި އާންމު ބައެއް ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައިވެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މާލެ ވަޑައިގަންނަވާނީ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.