ކާރު ދުއްވަން އިން ޑްރައިވަރަަށް ނިދިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ހުޅުމާލޭގައި އެކްސިޑެންޓް ހިނގާފައިވަނީ ކާރު ދުއްވަން އިން މީހާއަށް ނިދި ޖެހިގެން ކާރު ކޮންޓްރޯލް ނުވެ ގޮސް މަގެއްގެ އެއް ފަރާތުގައި ހުރި ގަހެއްގައި ޖެހިގެންކަމަށެވެ.
ޕްރައިިވެޓް މި ކާރުގައި ދުއްވަން އިން މީހާގެ އިތުރު ޗައިނާ އަންހެނަކާއި ފިރިހެނެއް އެ ކާރުގައި ތިބި ކަމަށާއި މި ދެމީހުންގެ އަތަށާއި ފަޔަށް ތަދުވެފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ކާރު ދުއްވަން އިން މީހާގެ މެޔަށް ތަދުވެފައިވާކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް މި ތިން މީހުންކުރެ އެކަކަށްވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްގައި ކާރުގެ ކުރީކޮޅު ވަރަށް ބޮޑަށް ހަލާކުވެ އިންޖީނު އެތެރެއަށް ވަދެފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެކްސިޑެންޓްވި ވަގުތު އެ ސަރަހައްދުގައި އެހެން އެއްވެސް ވެހިކަލެއް ނެތްކަމަށް މަންޒަރު ދުށް މީހުންނާއި ހަވާލާދީ ފުލުހުން ބުނެއެވެ.
އެމްޓީސީސީ ބަހެއް ދުއްވަން އިން ޑްރައިވަރަކަށް ނިދި ޖެހިގެން މި ރޯދަމަހު ފުރަތަމަ ދުވަހު ހިނގި އެކްސިޑެންޓްގައި ފަތުރުވަރިޔަކު ވަނީ މަރުވެފައެވެ.