3 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތުޖަހަން ކޯޓަށް ގެންދިއުމުން އަނެއްކާވެސް ކޯޓުން ދޫކޮށްލައިފިއެވެ.
މި މައްސަލާގައި މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުންވެސް ވަނީ ކޯޓުއަމުރު ފުރިހަމަނުވާކަމަށްބުނެ ދޫކޮށްލާފައެވެ. މިފަހަރު މި މީހުން ދޫކޮށްލާފައިވަނީ ބަންދުގެ މުއްދަތުޖެހުމަށް ހުޅުމާލޭ ކޯޓަށް ގެންދިއުމުންނެވެ. ކޯޓުން މިފަހަރު އެ ދެ މީހުންގެ މުއްދަތު ޖަހައިނުދީ ދޫކޮށްލި ސަބަބެއް އަދި ސާފެއް ނުވެއެވެ.
މި ދެ މީހުން ދެވަނަ ފަހަރަށް ފުލުހުން ހައްޔަރުކޮށްފައިވަނީ އެމީހުން ދިރިއުޅޭ ގެއިން ރޭ މެންދަމު 3:17 ހާއިރުއެވެ.
ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު މި މީހުން ހައްޔަރު ކުރިއިރު، އިއްޔެ ކްރިމިނަލް ކޯޓުން މިމީހުން ދޫކޮށްފައިވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން، އެމީހުން ހައްޔަރުކުރުމަށް ފުލުހުން އެދިގެން ހުޅުމާލޭ ކޯޓުން ހޯދި ކޯޓު އަމުރުގެ ފަހުގަނޑުގައި އެކަނި ސޮއި އިންކަމަށް ބުނެއެވެ.
ކޯޓުން އިއްޔެ މިގޮތަށް ނިންމާފައިވަނީ ޖިނާޢީ އިޖުރާޢަތުގެ 32 ވަނަ މާއްދާގެ ހ ގެ 12 ވަނަ ނަންބަރަށް ރިޢާޔަތްކުރުމަށްފަހުގައެވެ. މިމާއްދާގައި ބުނާގޮތުން ކޯޓުއަމުރުގެ ހުރިހާ ގަނޑެއްގައި ޤާޟީގެ ނަމާއި، ސޮއި އަދި ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ.
ފުލުހުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. އެމީހުން ދިރިއުޅޭގެ ބަލައި ފާސްކުރުމުގެ ތެރޭގައި ފުލިހުން ވަނީ 3 ކިލޯގެ މަސްތުވާތަކެތި ހޯދާފައެވެ.
މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 2 މީހަކު ހައްޔަރުކޮށްފައިވާއިރު، ހޯމަ ދުވަހު ފުލުހުން ވަނީ މާލޭގައި ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ގެއަކުން 11 މީހަކު ހައްޔަރުކޮށްފައެވެ.
މިދިޔަ މަހުގެ 27 ވަނަދުވަހުވެސް ފުލުހުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާގައި ކުރަމުންދިޔަ ދެ ގެއަކަށް ވަދެ 37 މީހަކު ހައްޔަރުކޮށްފައެވެ. އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ ފުލުހުން އަންނަނީ މިފަދަ ގޮތްގޮތަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ހޯދާ، އެކަމުގައި ޝާމިލުވާ މީހުން ހައްޔަރުކުރަމުންނެވެ.