ވައި ނުސާފުވުން ނުވަތަ އެއަރ ޕޮލިއުޝަން ހުއްޓުވުމަށްޓަކައި އެކަށީގެންވާ ދެމެހެއްޓެނިވި ފިޔަވަޅުތަކެއް ރާއްޖެއިން އަޅާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވައިފިއެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖަޒީރާ ރާއްޖެއެއްގެ ގޮތުގައި ދިވެހިރާއްޖެ ތަރައްޤީކުރުމުގެ ތަސައްވުރު ބިނާވެފައިއޮތީވެސް ދެމެހެއްޓެނިވި ދުޅަހެޔޮ ރާއްޖެއެއްގެ ގޮތުގައި ކަމަށެވެ. އަދި މިއަދު ފާހަގަކުރަމުންމިދާ ދުނިޔޭގެ ތިމާވެށީގެ ދުވަސް ހަނދާންކޮށްދެނީ އެ އަމާޒަށް ވާސިލުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ދިވެހި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައިވެސް ތިމާވެށި ހިމާޔަތްކުރުމާގުޅޭ މުހިންމު ކަންތައްތަކެއް ހިމަނާފައިވެއެވެ. އަދި މީގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން ސަރުކާރުން މިހާރުވެސް ދަނީ ތަންފީޒު ކުރަމުންނެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތައް ހިންގުމުގައިވެސް ތިމާވެއްޓަށް ގެއްލުން ނުވާނެހެން ކަންކަން ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.