ޚަބަރު

ގޯދިއްޔާ ތަށި މިލްކުކުރަން މެޗަކާ ކައިރިއަށް ބޭރުމަތި ޖެހިލައިފި


ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ މެޗު ކާމިޔާބުކޮށް އެފްސީ ބޭރުމަތި މުބާރާތް މިލްކު ކުރުމާ މެޗަކަށް ކައިރިއަށް ޖެހިލައިފިއެވެ.

ފާއިތުވި ދެ އަހަރުވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އެފް.ސީ ބޭރުމަތި ވަނީ ރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗުގައި 7-3 ގެ ބޮޑު ތަފާތަކުން އެފްސީ ޒެފިއާ ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.

މިމެޗްގެ ފުރަތަމަ ހާފު ބޭރުމަތި ނިންމާލީ 3 ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އިތުރު 4 ލަނޑު ޖަހާ ހަތް ލަނޑުގެ ލީޑެއް ނަގާ މުބާރާތުގެ ފައިނަލް ޖާގައެއް ޔަގީންކުރިއެވެ. މެޗުގައި ޒެފިޔާއިން ޖެހި 3 ލަނޑުވެސް ޖަހާފައިވަނީ ބޭރުމަތި ޓީމުން މެޗު ނިމެން ކައިރިވުމާއެކު އެޓީމުގެ ކުޅުންތެރިންތައް ބަދަލުކުރަން ފެށި ހިސާބުންނެވެ.

މިމެޗުގައި ބޭރުމަތި ޖެހިލަނޑުތަކުގެ ތެރެއިން 3 ލަނޑު ޖެހީ މޮޅުކުޅުންތެރިއާގެ މަޤާމު ހޯދި ބޭރުމަތީގެ ޖާޒީ ނަމްބަރ 9 ޢަލީ ހާފިޒެވެ. އަނެއް 4 ލަނޑު ޖަހައިދީފައި ވަނީ ޙަސަން މިރުފާހާއި، ޢަލީ ފަހުމީއާއި، އިބްރާހީމް ސާމީއާއި، އިބްރާހީމް މުބީން އަޙުމަދު ރަޝީދެވެ.

ޒެފިއާގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ޙަސަން ރާއިފް އަޙުމަދެވެ. އަނެއް ލަނޑު ޖެހީ ޙުސައިން ޒައިން ހަނީފެވެ.