ޖުޑިޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޢައްޔަނުކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 158ވަނަ މާއްދާގެ (ހ)އާއި، ޤާނޫނު ނަންބަރު 10/2008 ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 3ވަނަ މާއްދާގެ 1ވަނަ ނަންބަރުގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ރައީސް މުޙައްމަދު ނަޝީދު ޢައްޔަން ކުރެއްވާފައެވެ. މިއާއެކު އެމަނިކުފާނު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ. ރައީސް މުޙައްމަދު ނަޝީދަށް ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީއެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ރައީސް މުޙައްމަދު ނަޝިދާ ވަނީ ޙަވާލުކުރައްވައިފައެވެ.
މީގެއިތުރުން ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރައްޔިތުންގެ މަޖިލީހުގެ އައު ރައީސް، ރައީސް މުޙައްމަދު ނަޝީދާ ބައްދަލުކުރައްވައި، ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ މިހާރުގެ ރައްޔިތުންގެ މަޖިލީހަކީ، ވަރަށް ގިނަ ބައެއްގެ އުއްމީދު ތަކާއި ގުޅިފައިވާ މަޖިލީހެއްކަމަށެވެ. އަދި، މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހަލުއިކަމާއި އޮމާންކަމާއި އިންސާފުވެރިކަމާއެކު، މަޖިލީހުގެ އާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅަށް ސަރުކާރުން ވެދެއްވެން އޮތް އެއްބާރުލެއްވުމެއް ވީއެންމެފުރިހަމައަކަށް ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަޝްވަރާއާއި އެހީތެރިކަމާއެކު، ވީހާވެސް އިންޞާފުވެރި ކަމާއިއެކު މަޖިލީހުގެ މަސައްކަތްތައް ހަލުއިކަމާއެކުކުރިއަށް ގެންދެވުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ޤައުމަށް އެންމެ ފައިދާހުރިގޮތަކަށް ކަންތައްތައް ކުރިއަށް ގެންދިއުމުގައި ސަރުކާރަށް ބޭނުންވާ އެހީތެރިކަން ދެއްވާނެކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.