ޚަބަރު

ތަމްރީންތައް ކުރިއަށްގެންދަނީ ވަކި ކަމެއް މެދުވެރިވެގެނެއް ނޫން- އެމްއެންޑީއެފް


ސަލާމަތީ ބާރުތަކުން ގުޅިގެން މިއަދު ފެށި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫންކަމަށާ ނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގައިފިނަމަ އެކަން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް އަންގައިދިނުމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ސަލާމަތީ ބާރުތަކުން މިއަދު ފެށީ ތަމްރީންތަކަކީ މިދިޔަ އެޕްރީލް މަހު 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާ އާ ގުޅިގެން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ތަމްރީންތަކުގެ ތެރެއިން ތަމްރީނެއްކަމަށެވެ.

އަދި މި ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫންކަމަށާ އެހެންނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު: 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅެ ނަންބަރު 119 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމަށް އިލްތިމާސް ކުރާކަމަށެވެ.

މި ތަމްރީނުތަކާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މި ތަމްރީނުތަކުގެ ބޭނުމަކީ ދިމާވެދާނެ ހާދިސާއަކަށް ދުރާލައި ތައްޔާރުވެ ތިބުންކަމަށާ، މިއީ ރައްޔިތުންގެ ސަލާމަތަށް މުހިންމު ކަމެއް ކަމަށެވެ.

މި ތަމްރީން ކުރިއަށްދާއިރު ސިފައިން ދަނީ ބައެއް މުހިންމު އޮފީސްތަކާއި ސަރަހައްދުތަކުގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

އަވަށްޓެރި ސްރީލަންކާއަށް ދިން ހަމަލާތަކާ ގުޅިގެން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ތަމްރީންތައް ފަށާފައިވަނީ މިމަހުގެ 05 ވަނަ ދުވަހުއެވެ. އަދި މިއަދު މި ފެށި މި ތަންރީނުތަކަކީ މި ސިލްސިލާގެ ދެވަނަ ތަމްރީންކަމަށް އެމްއެންޑީއެފުން ހާމަކުރައްވައެވެ.