ސަލާމަތީ ބާރުތަކުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޚާއްޞަ ތަމްރީނުތަކެއް ފަށައިފިއެވެ.
އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ތިން ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ތަމްރީނުތައް ފަށާފައިވަނީ މިއަދު ހަވީރު 18:00 ގައެވެ. މި ތަމްރީނުތައް މިމަހުގެ 23 ވަނަ ދުވަހުގެ 6:00 އާ ހަމައަށް ކުރިއަށްދާނެކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.
އެމްއެންޑީއެފުން ވިދާޅުވީ މި ތަމްރީނުތަކުގެ ފަރިތަކުރުންތައް ކުރިއަށްދާނީ މާލެ ސިޓީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ އެއްގަމާ ކަނޑުގެ ސަރަހައްދުގައިކަމަށެވެ. މި ތަމްރީނުތަކުގައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ޗެކްކުރުމަށް ހަމަޖެހިފައިވާއިރު، މި ތަމްރީންތައް ކުރިއަށްދާ ދުވަސްތަކުގައި ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވުމަށް ވަނީ ހަމަޖެހިފައިވާކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.
މިމަހުގެ ކުރީކޮޅުވެސް ސަލާމަތީ ބާރުތައް ގުޅިގެން ކުއްލި ޙާލަތްތަކުގައި ޙަރަކާތްތެރިވާނެ ގޮތްތަކާގުޅޭގޮތުން ޚާއްޞަ ތަމްރީނުތަކެއް ކުރިއަށްގެންގޮސްފައިވެއެވެ.