ޚަބަރު

މިދިޔަ ހަފްތާގައި 56 އެކްސިޑެންޓް 11 މީހުންނަށް އަނިޔާވި


މިދިޔަ ހަފްތާގެ ތެރޭގައި މާލޭ ސަރަހައްދުގައި އެކަނިވެސް 50 ވުރެ ގިނަ އެކްސިޑެންޓް ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 4 ވަނަދުވަހުން ފެށިގެން 10 ވަނަދުވަހުގެ ނިޔަލަށް މާލޭ ސަރަހައްދުން އެކަނިވެސް 56 އެކްސިޑެންޓް ހިގައިގެން އެ އިދާރާއަށް ރިޕޯޓްކޮށްފައިވެއެވެ. އަދި މި އެކްސިޑެންޓްތަކުގައި 11 މީހަކަށް އެކިވެރުގެ އަނިޔާ ލިބިފައިވާކަމަށްވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުން އާއްމުކުރި މިދިޔަ ހަފްތާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 417 ވެހިކަލް ފުލުހުން ބަލާ ޗެކްކޮށްފައިވެއެވެ. އަދި ޕާކިން ޤަވާއިދުތަކާއި ހިލާފުވެގެން މިދިޔަ ހަފްތާގައި 776 ސްޓިކާއެއް ޖަހާފައިވާއިރު ބާރު ސްޕީޑްގައި ދުއްވި 14 މައްސަލައެއް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ލައިންސަންސް ނެތި ދުއްވި މީހުންގެ އަދަދު 99 އަކަށް އަރާއިރު މީގެ ތެރޭގައި 18 އަހަރު ނުފުރޭ ކުދިން އެއްގަމު އުޅަނދު ދުއްވި 2 މައްސަލައެއްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

މިދިޔަ ހަފްތާގައި ފުލުހުން ޓޯ ކުރި އުޅަނދުތަކުގެ އަދަދަށް ބަލާއިރު 13 ކާރާއި 23 މޮޓޯ ސައިކަލެއްވަނީ ޓޯކޮށްފައިވެއެވެ. މީގެ އިތުރުން ހެލްމެޓް ނާޅާ ދުއްވި 18 މައްސަލައަކާއި ހެޑް ސެޓް ޖަހައިގެން ދުއްވި 31 މައްސަލަކައަކާއި ޓްރެފިކް ގަވައިދާއި ހިލާފުވި 14 މައްސަލައެއްވެސް ފުލުހުންގެ މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.