ޚަބަރު

އޭސީސީ މުބާރާތަކީ ރާއްޖެއަށް ކާމިޔާބު މުބާރާތެއް - ކޯޗް ނިލަންތަ ކޫރޭ


އޭޝިއަން ކްރިކެޓް ކައުންސިލް ވެސްޓާން ރީޖަން މުބާރާތަކީ ރާއްޖެއަށް ކާމިޔާބު މުބާރާތެއް ކަމަށް 19 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމުގެ ހެޑްކޯޗް ނިލަންތަ ކޫރޭ ބުނެފިއެވެ.

ނިލަންތަ ކޫރޭ ބުނީ މުބާރާތުގައި ޓީމަށް މެޗުތަކަކުން މޮޅުނުވެވުނަސް ޓީމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށާއި، ކްރިކެޓް ބޯރޑުން އެކަން ބަލައިގަތުމުން، މިމުބާރާތަކީ އޭނާ ގަބޫލުކުރާ ގޮތުގައި ކާމިޔާބު މުބާރާތެއް ކަމަށެވެ.

ނިލަންތަ ބުނީ މުބާރާތުގައި ރާއްޖެއަށް ކުޅެން ޖެހުނީ ރީޖަންގެ އެންމެ ވަރުގަދަ ތިން ޓީމާއި ދެކޮޅަށް ކަމަށާއި، އެޓީމުތަކާއި ދެކޮޅަށް ރާއްޖެއިން ވަރުގަދަ ފައިޓެއް ދިނުމުން ޓީމްގެ ކުރިއެރުން ހާމަވާކަމަށެވެ.

މުބާރާތުގައި ރާއްޖެއާއި އެއް ގުރޫޕެއްގައި ހިމެނުނު އޮމާން، ކުވައިތު އަދި، ގަތަރަކީ ވޯލްޑްކަޕް ކޮލިފައިންގައި އެންމެ ކާމިޔާބު ތިން ޓީމެވެ.
ނިލަންތަ ބުނީ، އެތިން ޓީމާއި ދެކޮޅަށް ވާދަކޮށްގެން ފުރަތަމަ ބުރު ނިންމާލިއިރު، މުޅި މުބާރާތުން ފުރަތަމަ ބުރުގައި އެންމެ ގިނަ ލަނޑު ޔޫސުފް އަޒިޔާން ފަރްހަތް ހަދާފައިވުމާއި، ދެވަނަ އަށް އެންމެ ގިނަ ވިކެޓް، މުޙައްމަދު ރަޔާން ތޮލާލް ނަގާފައިވުމަކީ ރާއްޖެއިން މުބާރާތުގައި ރަނގަޅު ކުޅުމެއް ދެއްކިކަން ހާމަވެގެންދާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނާއި އެއް ގުރޫޕެއްގައި ހިމެނުނީ އެންމެ ފަހުން ބޭއްވި ނަވާރަ އަހަރުން ދަށުގެ ވޯލްޑްކަޕް ކޮލިފައިންގެ އެންމެ ކާމިޔާބު ތިން ޓީމުތަށް، އެޓީމުތަކާއި ދެކޮޅަށް ކުޅެގެން ކުޑަ ތަފާތަކުން ބަލިވީ، އެހެންވީމަ ވަރަށް ރަނގަޅަށް އެބަ ހާމަވޭ އަޅުގަނޑުމެންނަށް ވަރުގަދަ ފައިޓެއް ދެވުނުކަން. އަނެއްކޮޅުން އަޅުގަނޑުމެންގެ ދެ ކުޅުންތެރިއަކަށް އެހާބޮޑު ޝަރަފެއް ލިބުނީމަ، ބުނަން ބޭނުންވަނީ މިއީ އަޅުގަނޑުމެންނަށް ވަރަށް ކާމިޔާބު މުބާރާތެކޭ،" ނިލަންތަ ކޫރޭ ބުންޏެވެ.

ނިލަންތަ ވަނީ ޒުވާން ކުޅުންތެރިން ދެއްކި ކުޅުން ބަލައިގަނެ އެކުޅުންތެރިންގެ އަގު ވަޒަންކުރުމުން ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސްގެ އިސްވެރިންނަސް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.