ޚަބަރު

މިނިވަންކަމުގެ ނޭވާ އެބަ އިހްސާސްކުރެވޭ - ނޫސްވެރިން


މިދިޔަ ދެތިން އަހަރު ދިވެހި ނޫސްވެރިން ކުރަމުންދިޔައީ އެއް ޝަކުވާތަކެކެވެ. ނޫސްވެރިން ތިބީ ކަންބޮޑުވުމާއި ނަމާންކަމުގެ ތެރޭގައެވެ. ހުރިހާ ނޫސްވެރިންވެސް ބުނަމުން ދިޔައީ ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ނެތް ވާހަކައެވެެ. ރާއްޖޭގައި ނޫސްވެރިނަށް އޮތީ ބިރުވެރި ނުރައްކާތެރި މާހައުލެއްކަމަށެވެ.

މި ބިރުވެރިކަން އިންތިހާށް ބޮޑެވެގެންދިޔައީ ވީ ނުވީއެއް ނޭނގި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާން ގެއްލުނު ހިސާބުންނެވެ. ހަމަ އެއާއެކު މަޝްހޫރު ބްލޮގަރ ޔަމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ރަހުމްކުޑަ ގޮތަކަށް މަރާލި ހާދިސާއާއެކު މި ނާމާންކަން އަނެއްކާވެސް އިތުރުވެގެންދިޔައެވެ.

ރިޟްވާން ގެއްލުމާއި ޔާމީން ރަޝީދުުގެ މަރާއި ގުޅިގެން ކުރެވޭ ސުވާލުތަކަށް ޖަވާބު ނުލިބެނީ އަނެއްކާވެސް ދެން ފެނިގެން ދިޔައީ ނޫސްވެރިން އެހެން ގޮޅިއެއްގެ ތެރެއަށް ފައްތާލިތަނެވެ.

ސަރުކާރާއި ސަރުކާރުގެ އިސްވެރިންގެ މައްޗަށް ކުރެވެންފެށި ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތަކާއެކު އަބުރު ރައްކާތެރިކުރުުގެ ނަމުގައި ޤާނޫނެއް ހެދިއެވެ. މި ޤާނޫނުގައި ހުރި ކަންތައްތަކާމެދު މީޑިއާތަކުން ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިން މަގު މައްޗަށް ނުކުންނަ ހިސާބަށްވެސް ދިޔައެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދީ އެއްވެސް އަކުރަކަށް ފިއްޔަކަށްވެސް ބަދަލެއް ގެނައުމެތްނެތި ސަރުކާރުގެ ފުރިހަމަ ބާރު އޮތް މަޖިލީހުން އެ ޤާނޫނު ފާސްކުރިއެވެ. އެއާއެކު ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ފެށިއެވެ.

އަބުރުގެ ޤާނޫނު ތަންފީޒުކުރަން އޮތް ބްރޯޑްކާސްޓިން ކޮމިޝަންގެ ތެރެއިންވެސް ފެނިގެން ދިޔައީ ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމައިދެމުންދިޔަތަނެވެ. އެއްކަމެއްގައި ދެ މީޑިއާގެ މައްޗަށް ނިންމާ ނިންމުންތައްވެސް ތަފާތުވެ ތަފާތުކުރުން ގެންގުޅޭނަމޭ ފާޅުގައި ބުނާހެން ހީވާ މިންވަރަށްވެސް ކަންކަން ދިޔައެވެ. މި ހުރިހާކަަމަކާއެކު ޕްރެސް ފްރީޑަމް އިންޑެކްސުންވެސް ރާއްޖެ ތިން ދަރަޖަ ދަށަށް ވައްޓާލިއެވެ.

ނޫސްވެރިކަމުގެ އިންޑެކްސްގައި މިިދިޔަ 6 އަހަރު ރާއްޖެ ވެއްޓުނު ހިސާބު

2013 ވަނަ އަހަރު 103 ގައި
2014 ވަނަ އަހަރު 108 ގައި
2015 ވަނަ އަހަރު 112 ގައި
2016 ވަނަ އަހަރު 112 ގައި
2017 ވަނަ އަހަރު 117 ގައި
2018 ވަނަ އަހަރު 120 ގައި

މީ މާޒީގެ ވާހަކައެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނަވަންކަމުގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ދިވެހި ނޫސްވެރިންގެ ވާހަކަތައް މިހާރު މުޅިން ތަފާތެވެ. އަދި ފެންނަ މަންޒަރުވެސް ތަފާތޭ ބުނެވިދާނެއެވެ.

ގިނަ ނޫސްވެރިން ދެކޭގޮތުގައި އެންމެ ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދިޔައީ ބޮޑު ޖޫރިމަނާތައް ކުރިމަތިކުރުވި އަބުރުގެ ޤާނޫނު އުވާލުމެވެ. އެއާއެކު އަނެއްކާވެސް މިނިވަން ނޫސްވެރިކަމަށް މަގުފައިވެފައިވާކަމަށް ގިނަ ނޫސްވެރިން ބުނެއެވެ.

" އަބަރުގެ ޤާނޫނު އުވާލުމުން ކުރިން އޮތް ބިރުވެރިކަން ފިލައިގެން ހިގައްޖެ. ނޫސްތަކަށް ބަލާލުމުންވެސް މިހާރުވެސް އެކަން ފެނޭ. ޤާނޫނު އުވާލުމުން އެކަމަށް އެންމެ ބޮޑަށް ފާޑުކީ ބައއް ފަރާތަކުން މިއަދު އެދަނީ މިނިވަންކަމާއި އެކު އެމީހުން ބޭނުންވާ ހިޔާލުތައް ފާޅުކުރަމުން. އެންމެ ބޮޑަށް ދެކެން ބޭނުމީ ނޫސްވެރިކަމުގެ މި ގޮންޖެހުންތައް ނެތިގެން ދިޔުމާއި އެކު ރިލްވާނާއި ޔާމީނަށް އިންސާފު އަވަހަށް ލިބިގެންދިޔުން. އަދި އެ ނޫސްވެރިންނަށް ވީ ގޮތެއް ހޯދާ އެކަމުގައި ބައިވެރިވި ބަޔަކަށް ބޮޑެތި އަދަބުތައް ލިބިގެންދިޔުން " ރާއްޖޭގެ ނޫސްވެރިޔަކު އެނާގެ އިހްސާސް ހިއްސާކޮށްލިއެވެ.

ނޫސްވެރިކަމަށް ކުރިން ދިމާވި ގޮންޖެހުންތައް ފިލައިގެން ދިއުމުން އިތުރު ހިތްވަރަކާއި މަސައްކަތް ކުރަމުންދާކަމަށްވެސް ބައެއް ނޫސްވެރިން ބުންޏެވެ. އަދި ސަރުކާރުގެ އިދާރާތަކުން ކުރިން ހިފެހެއްޓިފައި ހުރި ހުރުން ނެތި މައުލޫމާތު ލިބުމުގައިވެސް ފަސޭހަތައް ލިބިފައިވާކަން ބައެއް ނޫސްވެރިން ފާހަގަކުރެއެވެ.

"ކުރިން ސިޔާސީ ފިއްތުންތައް އިންތިހާއަށް ބޮޑު. އެއްޗެއް އަހާލުމުން ބައެއް ފަހަރަށް މަލާމާތާއި ފުރައްސާރަކުރާ ފަހަރުވެސް އާދޭ. ސަރުކާރު އިދާރާތަކުން މައުލޫމާތު ނުދީ އެތައް ދުވަހެއް ވަންދެން ހިފަހައްޓަފާނެ. ނޫސްވެރިކަމުގެ ފޯރިއާއި ޖޯޝް ގެއްލިފައި އޮތުމަށް ފަހު އަލުން މި ލިބުނީ" ނޫސްވެރިޔަކު ބުންޏެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނަ އިރު ވޭތުވެދިޔަ ހަ އަހަރު ރާއްޖެ ޕްރެސް ފްރީޑަމް އިންޑެކްސްގައި އޮތް ހިސާބުން މިވަނީ 22 ދަރަޖަ ކުރިއަށް ޖެހިލާފައެވެ. ދުނިޔޭގެ 180 ޤައުމު ހިމަނައިގެން ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އެކުލަވާލާ ރިޕޯޓްގައި ނިމިދިޔަ 2018 ވަނަ އަހަރު ރާއްޖެ އޮތީ 120 ވަނަގައެވެ. އެހެންނަމަވެސް މިދިޔަ މަހު އެ ޖަމްޢިއްޔާއިން ނެރުނު ރިޕޯޓްގައި ރާއްޖެ މިހާރު އޮތީ 98 ވަނައިގައެވެ.

ނޫސްވެރިންނަށް އޮތް ފިއްތުންތައް ދޫކޮށްލާ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަން ދިނުމުން އޭގެ ފައިދާ ސަރުކާރަށްވެސް ކުރާކަން މި އިންޑެކްސްގެ ނަތީޖާއިން ދައްކާދެއެވެ. ކަންކަން ފޮރުވުގެ ބަދަލުގައި ނުވަތަ ކަންކަން ހާމަކުރާ ނޫސްވެރިންނަށް ފިޔަވަޅުތައް އަޅާ އަދަބުތައް ދިނުމުގެ ބަދަލުގައި ސަރުކާރު ހިންގުމަށްވެސް ފަސޭހަތައް ލިބި އެ ސަރުކާރަކަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދެއެވެ. އަދި ނޫސްވެރިކަން ހިފަހައްޓަން މަސައްކަތްކުރާ ވަރަކަށް ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ފަސާދަ އިތުރުވެގެންދެއެވެ.

ނޫސްވެރިަމުގެ މިނިވަންކަމާއިއެކުވެސް ބައެއް ޝަކުވާތައް އަދިވެސް ބައެއް ނޫސްވެރިންގެ އެބަހުއްޓެވެ. ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ދިނުމުގައި ވަކި ބަޔަކަށް އިސްކަންދޭ ދިނުމުވެ.

"ބައެއް ފަހަރު މައުލޫމާތެއް ހޯދާލުމަށް ގުޅާލުމުން ވަގުތުކޮޅެއް ދިނުމަށް އެދޭ. އަދި އިރުކޮޅެއް ފަހުން ގުޅާލަން ބުނޭ. ދެން ފެންނަނީ އެ މައުލޫމާތު އެހެން ބަޔަކަށްދީ އެ މީހުން ހަބަރު ޖަހާތަން. ނޫސްވެރިކަމުގެ ވާދަވެރިކަން ބޮޑު އިރު މިކަން ބަދަލުވާންޖެހޭ. ވަކި ބަޔަކަށް އިސްކަންނުދީ ކުރިން އެދޭ ބަޔަކަށް އެ މައުލޫމާތުތައް ހާމަކުރަންވީ މީ މިކަން އޮންނަން ވީ ގޮތަކީ" އެހެން ނޫސްވެރިޔަކު އެނާއަށް ދިމާވާ ދަތި ހިއްސާކޮށްލިއެވެ.

މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއެކު ނޫސްވެރިން ކުރާ އުއްމީދުތައްވެސް ބޮޑެވެ. ސަރުކާރުން ނޫސްވެރިކަން ހަނިވާނެފަދަ އެއްވެސް ކަމެއް ނުކުރުމުގެ އުއްމީދެވެ. ނޫސްވެރިކަން މޮނީޓަރކޮށް ބަލަހައްޓާނެ މިނިވަން މުވައްސަސާއެއް އޮތުމުގެ މުހިއްމުކަމުގެ އުއްމީދެވެ. އިތުބާރު ގެއްލިފައިވާ ބްރޯޑްކާސްޓިން ކޮމިޝަނަށް ބަދަލުތައް އައިސް އެއަށްވުރެ ރަގަޅު ނިޒާމެއް ޤާއިމުކުރުމުގެ އުއްމީދެވެ. އެހެން ދާއިރާތައް ފަދައިން ތައުލީމާއި ތަމްރީނުތައް ފުޅާވެ މިދާއިރާއަށް އިތުރު ޒުވާނުން ނުކުތުމުގެ އުއްމީދެވެ.