ޚަބަރު

ބިދޭސީއަކު ގެއްލުނު މައްސަލާގައި ބަންގަލަދޭޝްގެ 2 މީހަކު ހައްޔަރުކޮށްފި


ށ. ޅައިމަގުގައި މާލޭ ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ ބިދޭސީއެއް ގެއްލުނު މައްސަލައާ ގުޅިގެން ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ޅައިމަގު ކުރިމަގު ބޯޓްގައި މަސައްކަތްކުރާ ލުތުފަރު ނަމަކަށް ކިޔާ ބަންގަލަދޭޝްގެ ރައްޔިތެއް ގެއްލުނުކަން އެގުނީ މިިދޔަ މަހުގެ ބާވީސްވަނަ ދުވަހުކަމަށް އެ ބޯޓުން ބުނެއެވެ.

ފުލުހުން ވިދާޅުވީ އެ ބޯޓް އެރޭ ފަތިހު ޅައިމަގުން މާލެ ފުރަން ވެގެން ބެލިއިރު ބިދޭސީ މީހާ ބޯޓްގައި ނެތްކަން ފާހަގަކުރެވިގެން އެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވާކަމަށެވެ. އަދި ރިޕޯޓް ލިބުނުއިރު އެ ބޯޓު މާލެއަށް ދިއުމަށް ފުރާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެ ބޯޓު މާލެއަށް ލެފުމުން ބަލާ ފާސްކޮށް ކައްޕިއާއި ބައްދަލުކޮށް މައުލޫމާތު ހޯދާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާއި ގުޅިގެން އުމުރުން 30 އަހަރާއި 36 އަހަރުގެ ބަންގްލަދޭޝް ދެ ފިރިހެނުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އެހެންނަމަވެސް އެމީހުންނާއި ބެހޭ އިތުރު ތަފްސީލް ފުލުހުން އަދި ހާމަކުރައްވާފައެއް ނުވެއެވެ. އަދި މި މައްސަލަ ތަހުޤީގުކުރަމުން ގެންދާތީ ދެވެން އޮތް މިންވަރަކަށް މައުލޫމާތު ދެމުން ގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

އެނގިފައިވާ ގޮތުގައި ކުރިމަގު ބޯޓުން ގެއްލުނު ބިދޭސީ މީހާއާއެކު އެ ބޯޓްގައި ފަސް ބިދޭސީއަކު މަސައްކަތް ކުރެއެވެ.