ސަލާމަތީ ސަބަބުތަކަށްޓަކައި މާދަމާއިން ފެށިގެން ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާކޮށްފިއެވެ.
މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގައިދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެޤައުމުގައި ތަންފީޒު ކުރަމުންދާ ކާފިއުއާއި ގުޅިގެން އެގައުމުގެ ސަލާމަތީ ފަރާތްތަކުން ގެންދަނީ ޤައުމުގެ ސަލާމަތީކަންކަން ކަށަވަރުކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ.
ސަލާމަތީކަންކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެޤައުމުގައި ކާކުކަން ނޭންގޭ ގޮތަށް މޫނު ނިވާކުރުން ނުވަތަ، މޫނު ބުރުގާ އެޅުން އެޤައުމުގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއޭޓުންވަނީ މާދަމާއިން ފެށިގެން މަނާކޮށްފައެވެ.
ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅޭ ޤައުމަކަށްވުމުން މިކަމަށް ސަމާލުވުމަށް އެޤައުމުގައިހުންނަ ދިވެހި އެމްބަސީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިޙާލަތުގައި ލަންކާ ސަރުކާރުން އަންނާ އެންގުންތަކަށް ބޯލެނބުމަށްވެސް އެމްބަސީންދަނީ އިލްތިމާސްކުރަމުންނެވެ.
ސްރީލަންކާގައި މޫނުބުރުގާ އެޅުންމަނާކުރުމާ ގުޅިގެން އެޤައުމުގައި މިވަގުތު ދިރިއުޅޭ ދިވެހިންގެ ތެރެއިން މޫނުބުރުގާ އަޅާ ދިވެހިންވެސް މޫނުބުރުގާ ނޭޅުން ރަނގަޅުކަމަށް ރާއްޖޭގެ ބައެއް ޢިލްމުވެރިންވެސް ވަނީ ވިދާޅިވެފައެެވެ.