ޚަބަރު

ރާއްޖޭގެ ކްރިކެޓަށް އެހީވާން ލަންކާއިން އަބަދުވެސް ތައްޔާރު - ރަވިން ވިކްރަމަރަތްނޭ


ރާއްޖޭގެ ކްރިކެޓަށް އެހީވާން ލަންކާއިން އަބަދުވެސް ތައްޔާރަށް ތިބިކަމަށް ސްރީލަންކަން ކްރިކެޓް ބޯރޑުގެ ނާއިބު ރަޢީސް މރ.ރަވިން ވިކްރަމަރަތްނޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ނަވާރަ އަހަރުން ދަށުގެ ކްރިކެޓް ޓީމް ލަންކާގެ ޕާނަޑޫރާ ސްޕޯޓްސް ކުލަބުގައި ކުރިއަށްގެންދިޔަ ޓްރެއިނިންގެ ކޭމްޕް ނިންމާލުމުގެ ގޮތުން ބޭއްވި ޚާއްސަ ހަފްލާއެއް ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރަވިން ވިދާޅުވީ، ލަންކާއަކީ އަބަދުވެސް ރާއްޖެއާއި ގާތް ގުޅުމެއް އޮންނަ ޤައުމެއް ކަމަށާއި، އެހެންކަމުން ރާއްޖޭގެ ކްރިކެޓް ކުރިއެރުމުވުމަށްވެސް ވެވެން އޮތް ކޮންމެ އެހީއެއްވެސް ވާން ލަންކާއިން ތައްޔާރަށް ތިބިކަމަށެވެ.

ރަވިން ވިދާޅުވީ ލަންކާގައި އޭސީސީގެ އޮފީސް ގާއިމްކުރިފަހުންވެސް ރާއްޖެގެ ކްރިކެޓަށް ލަންކާއިން އެގި ގޮތްގޮތަށް އެހީވެފައި ވާނެކަމަށާއި، ހަމައެބީދާއިން ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް ލަންކާއިން އެހީވެދޭން ތައްޔާރަށް ތިބިކަމަށެވެ.

"ރާއްޖެއަކީ އަބަދުވެސް ލަންކާ އާއި ގާތް ގުޅުމެއް އޮންނަ ޤައުމެއް. ލަންކާގައި އޭސީސީ އޮފީސް ހުޅުވިފަހުން ރާއްޖޭގެ ކްރިކެޓަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން މި އަންނަނީ، ބޭނުންވަނީ އަބަދުވެސް އެބީދާއިން އެހީވާން، ލަންކާއިން އަބަދުވެސް އޮންނާނީ ރާއްޖޭގެ ކްރިކެޓަށް އެހީވާން ތައްޔާރަށް، އުންމީދަކީ މިކުދިންވެސް ކުރިއަރައިގެންގޮސް ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގައި ކުޅޭތަން ފެނުން" ރަވިން ވިދާޅުވިއެވެ.

ރަވިން ވަނީ ރާއްޖޭގެ ނަވާރަ އަހަރުން ދަށުގެ ޓީމަށް ކާމިޔާބީއަށްވެސް އެދިފައެވެ. އެގޮތުން ރަވިން ވިދާޅުވީ ރާއްޖެއިން ކުރިއަށްއޮތް އޭސީސީ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކައި ރާއްގެ ފަޚުރުވެރިވާފަދަ ކާމިޔާބީއެއް ހޯދާނެކަމަށް އުންމީދުކުރާކަމަށެވެ.