ޚަބަރު

ކްރިކެޓުން ރާއްޖެއަށް ކާމިޔާބީއެއް ހޯދައިދިނުމަކީ ދެކޭ ބޮޑު ހުވަފެނެއް - ޝިއުޒް ފަރީދް



އުންމީދަކީ ކްރިކެޓުން ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުން ކަމަށް ސޯޅަ އަހަރުން ދަށުގެ އިންޓަރ ސްކޫލް ކްރިކެޓް މުބާރާތުގެ އެންމެ މޮޅު ބެޓްސްމަން އަދި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާ ޝިއުޒް ފަރީފް ބުނެފިއެވެ.

ޝިއުޒް އިންޓަރ ސްކޫލް ކްރިކެޓް މުބާރާތުގެ އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލީ، ޣާޒީ ސްކޫލާއިދެކޮޅަށް ވާދަކުރި މެޗުގައި 78ބޯޅައިން 224 ލަނޑު ހަދައިގެންނެވެ. މިރެކޯޑް ކުރިން އޮތީ، މިމުބާރަތުގެ ފުރަތަމަ މެޗުގައި ރެކޯޑް ގާއިމްކުރި ޣާޒީ ސްކޫލުގެ ރާއިފް ރައުފް އަތުގައެވެ. އޭނާ ރެކޯޑްހެދީ 216 ލަނޑުންނެވެ.

ޝިއުޒްބުނީ، އެހާ ޅައުމުރެއްގައި ބޮޑު ކާމިޔާބީއެއް ލިބުމުން ވަރަށް އުފާވާ ކަމަށާއި، ޚާއްސަކޮށް ސްކޫލަށް ރީތި ނަމެއް ހޯދައި ދެވުނީތީ ފަޙުރުވެރިވާކަމަށެވެ. އަދި ރެކޯޑް މުގުރާލެވުނީ، ކޮންމެ ބޯޅައަކަށްވެސް ވިސްނައިގެން ކުޅުމުން ކަމަށާއި، ކޮންމެ ބޯޅައަކަށްވެސް ރަން ނަގައިގެން ކަމަށްވެސް އޭނާ ބުންޏެވެ.

ޝިއުޒް ބުނީ ޣާޒީ ސްކޫލާއި ދެކޮޅަށް ކުޅުނު މެޗުގައި ރެކޯޑް މުގުރާލެވޭނެ ކަމުގެ އުންމީދު އޮތް ކަމަށާއި، އޭގެ ކުރިން މެޗުގައި ހެދުނު ގޯސްތަށް ރަނގަޅުކުރަން ކޯޗުގެ އެހީއާއިއެކު މަސައްކަތް ކުރިކަމަށެވެ. އަދި މިވަރުގެ ކާމިޔާބީއެއް ހޯދުމުގައި އޭނާގެ މައިންބަފައިންގެ ފަރާތުން ލިބުނު ބޮޑު އެއްބާރުލުން ޝިއުޒް ވަނީ ފާހަގަ ކޮށްފައެވެ.

"ވަރަށް އުފާވެއްޖެ މިހާ ޔަންގް އޭޖެއްގައި މިވަރުގެ ކާމިޔާބިއެއް ލިބުނީމަ، އެންމެ ބޮޑު އެއްބާރުލުމެއް އަޅުގަނޑަށް ލިބުނީ އަޅުގަނޑުގެ މަންމަ ފަރާތުން، ކޮންމެ ވަގުތެއްގައި ޕްރެކްޓިސް އޮތަސް ޕްރެކްޓިސްއަށް ފޮނިވައިދޭ، އެއްޗެއް ބޭނުންވިޔަސް އެއްޗެއް ހޯދައިދޭ. ދެން ކޯޗް ވެސް ވަރަށް ވަރަށް އެހީތެރިވެދިން، ހެންދުނުވެސް ގެނެސް ފަރިތަކޮށްދިން، ދެން ވަރަށް އުފާވެއްޖެ ސްކޫލަށް ކާމިޔާބީއެއް ހޯދައި ދެވުނީތީ، އަދި ކޯޗަށް ރީތި ނަމެއް ހޯދައިދެވުނީމަ" ޝިއުޒް ބުންޏެވެ.

ޝިއުޒްބުނީ، އޭނާ އެންމެ ބޭނުންވަނީ ކްރިކެޓް ކުޅެގެން ރާއްޖެއަށް ފަޚުރުވެރި ކާމިޔާބީއެއް ހޯދައިދޭން ކަމަށާއި، ނަމަވެސް ޅައުމުރުގައި އޭނާއަށް އެންމެ އެހީތެރިވެދިން ކޯޗަށް ރީތިނަމެއް ހޯދައި ދެވުމުން އުފާވާ ކަމަށެވެ. ޝިއުޒްވަނީ މުޅި މުބާރާތުގައި ޖުމްލަ 527 ލަނޑު ހަދާފައެވެ.