ޚަބަރު

ދެކުނުގެ ދެ ސިޓީ ހިމެނޭހެން ބައެއް ރަށްރަށުގައި މެންދުރު ނަމާދަށްފަހު އިސްތިސްޤާ ނަމާދު ނުކުރޭ


މާލެ ފިޔަވާ ރާއްޖޭގެ އެންމެ ބޮޑު ދެސިޓީގައި އިސްތިސްޤާ ނަމާދު މިއަދު މެންދުރު ނަމާދަށް ފަހު ނުކުރާ ކަމަށް އެ ދެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭނުވެހި ގިނަދުވަސްވެ، ރައްޔިތުން ފެނަށް ޖެހެމުންދާތީ، ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދުގެ މެންދުރު ނަމާދަށްފަހު އިސްތިސްޤާ ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ. ނަމަވެސް މާލެ ސިޓީ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު ދެ ސިޓީއާއި ބައެއް ރަށްތަކުގައި މި ނަމާދު މިއަދުގެ މެންދުރު ނަމާދަށްފަހު ކޮށްފައެއް ނުވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، އެ ސިޓީގައި މިއަދުގެ މެންދުރު ނަމާދަށްފަހު އިސްތިސްޤާ ނަމާދު ކޮށްފައިނުވަނީ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކޮށް އޮތުމުން ކަމަށެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވީ އެ ސިޓީގައި މެންދުރު ނަމާދަށްފަހު އިސްތިސްޤާ ނަމާދު ކޮށްފައިނުވަނީ އިދާރީގޮތުން އެރި އޮޅުމަކުން ކަމަށެވެ. އެހެންކަމުން މިއަދުގެ އަސުރު ނަމާދަށްފަހު އެ ސިޓީގައި އިސްތިސްޤާ ނަމާދު ކުރާނެ ކަމަށެވެ.

އިސްތިސްޤާ ނަމާދުކުރުމަށް ވަކި ޚާއްސަ ވަގުތެއް ކަނޑައަޅާފައިނުވިނަމަވެސް މިއީ މިފަދަ ދަތިހާލަތެއް ދިމާވުމުން ކުރުމަށް ސުންނަތްކަން ގަދަ ނަމާދެކެވެ. އަދި މުސްލިމުންނަށް ދިމާވާ ދަތި ހާލަތްތަކާ ގުޅިގެން ދުޢާކުރުމާއި އިސްތިޣްފާރުކުރުން އިތުރުކޮށް، މާތްﷲ އަށް ތައުބާވެ، ހިތްނިޔަތް ޚާލިޞްކުރުމަށް މިއަދު ކުރެވުނު އިސްތިސްޤާ ނަމާދަށްފަހު ދިން ޚުޠުބާގައިވެސް ތަކުރާރުކޮށް ވަނީ ގޮވާލައްވާފައެވެ. އަދި ދުޢާ އިޖާބަކުރައްވާނެކަމުގެ ޔަޤީންކަމާއެކު އެކަލާނގެއަށް ދުޢާކުރުމަށާއި، އެއްވެސް އަޅެއްގެ އެދުން އެކަލާނގެ ގެއްލެނި ނުކުރައްވާނެކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.

ރާއްޖޭގެ ގިނަ ރަށްތަކެއްގައި އިސްތިސްޤާ ނަމާދުކޮށްފައިވާއިރު، ބައެއް ރަށްރަށަށް ކޮންމެވެސް ވަރަކަށް މިއަދު ވާރޭ ވެހުނުކަމަށްވެސް މަޢުލޫމާތު ލިބެއެވެ.