ޚަބަރު

އެމްޑީޕީގެ ކާމިޔާބީ ފާހަގަކޮށް ސްރީލަންކާގެ ބޮޑުވަޒީރު ތަހުނިޔާ ވިދާޅުވެއްޖެ


މަޖިލިސް އިންތިޚާބުގައި ސަރުކާރުހިންގާ މައި ޕާޓީން ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި ސްރީލަންކާގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންހަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރުހިންގާ މައިޕާޓީން ހޯދި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު މެންދުރު ފޯނުން ގުޅުއްވައި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، ވަނީ
އިންތިޚާބީ 87 ދާއިރާގެ ތެރެއިން 65 ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައި ބޮޑު އަޣުލަބިއްޔަތަކުން ސަރުކާރު ހިންގާ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީ.ޕީ) ކުރި ހޯއްދެވުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެފައެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާގެ ބޮޑުވަޒީރު ގުޅުއްވައި ތަހުނިޔާ ވިދާޅުވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ދިވެހިންގެ ފަރާތުން މި ސަރުކާރަށް ލިބުނު ބޮޑު ތަރުޙީބު އިޙުތިރާމާއެކު ބަލައިގަންނަވާކަމަށާ، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރައްޔިތުންގެ ބޭނުންތައް ފުއްދަވައިދެއްވުމަށް ގަދައަޅައި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވާ ވިދާޅުވުން ރައީސް ޞާލިޙް ވަނީ ތަކުރާރުކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއާއި ސްރީލަންކާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއާ ސްރީލަންކާ އަކީ ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމުކަން ފާހަގަކުރައްވައި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ދެ ޤައުމަށް ފައިދާހުރި އެކި ދާއިރާތަކުން މިގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ދެޤައުމުން ބޭނުންފުޅުވާކަމުގައި ހާމަކުރެއްވިއެވެ. މިގޮތުން، ޚާއްޞަ ގޮތެއްގައި ފަތުރުވެރިކަމާއި، ސަރަޙައްދީ ވިޔަފާރީގެ ދާއިރާއިން މިގުޅުން އިތުރަށް ފުޅާ ކުރެއްވުމާބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.