ޚަބަރު

ރާއްޖެ ބޮޑީބޯޑިންއިން ފުވައްމުލަކުގައި ބޮޑީބޯޑަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމެއް ފަށައިފި



ރާއްޖޭގައި ބޮޑީބޯޑިންގ ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ ރާއްޖެ ބޮޑީބޯޑިންއިން ފުވައްމުލަކުގައި ބޮޑީބޯޑަރުން ތަމްރީން ކުރުމުގެ ޕްރޮގުރާމެއް ފަށައިފިއެވެ.

18 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގުރާމްގައި ގިނަ އަދަދެއްގެ ކުދިން ވަނީ ބައިވެރިވެފައެވެ. ޒުވާން ބޮޑީބޯޑަރުން އުފެއްދުމުގެ ގޮތުން ރާއްޖެ ބޮޑީބޯޑިން އިން އިސްނަގައިގެން ހިންގާ މި ޕްރޮގުރާމްގެ ދަށުން މިއަދުވެސް ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޓްރެއިނިން ސެޝަންތަކަށް ފަހު ރާއްޖެ ބޮޑީބޯޑިން އިން އިންތިޒާމުކުރާ މިއަހަރުގެ ފުރަތަމަ މުބާރާތް ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދާނެއެވެ. އެލައިސް 2019ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ޖުމްލަ 14 ކުދިން ވަނީ ބައިވެރިވެފައެވެ.

ރާއްޖެ ބޮޑީބޯޑިންގެ ފަރާތުން ވާހަކަ ދައްކަމުން ޢަލީ ޚުޝްރުވާން ބުނީ، ފުވައްމުލަކުގައި ބާއްވާ މުބާރާތައް ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން، ކުރިން އަހަރެކޭވެސް އެއްފަދައިން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެންދާ ކަމަށާއި، އަދި އަންނަ އަހަރު ސްކޫލްތަކަށް އަމާޒުކޮށްގެން ޚާއްސަ ޕްރޮގުރާމެއް ހިންގަން މަޝްވަރާކޮށްފައިވާ ކަމަށެވެ.

ރާއްޖެ ބޮޑީބޯޑިން ވަނީ މިއަހަރު ރާއްޖޭގެ އިތުރު ދެ ސަހަރަހައްދެއްގައި އެލައިސް 2019 ބާއްވަން ނިންމާފައެވެ. ސީސްޕޯޓްސްއިން ސްޕޮންސާކޮށްގެން ބާއްވާ މި މުބާރާތަށް މިއަހަރު، މިދިޔަ އަހަރަށްވުރެ ބޮޑު ތަރުޚީބެއް ލިބިފައިވާކަމަށް ރާއްޖެ ބޮޑީބޯޑިންގއިން މައުލޫމާތުދެއެވެ.