ޚަބަރު

މޮންޓެނީގްރޯއަށް ފިޔަވަޅުއަޅަން ޔުއެފާއިން ނިންމައިފި


ޔޫރޯ ކޮލިފައިންގައި އިންގްލޭންޑާއި މޮންޓެނީގްރޯ ވާދަކުރި މެޗުގައި، މޮންޓެނީގްރޯގެ ސަޕޯޓަރުން، އިންގްލޭންޑްގެ ޑޭނީ ރޯސްއަށް ނިސްލީގޮތުން ދިމާކުރުމުގެ ސަބަބުން ޔޫއެފާއިން މޮންޓެނީގްރޯއަށް ފިޔަވަޅުއަޅަން ނިންމައިފި އެވެ.

ޔޫއެފާއިން ބުނީ، މި މައްސަލަ މިހާރު އަންނަނީ ޔޫއެފާގެ ކޮމެޓީއަކުން ބަލަމުން ކަމަށާއި މެއި މަހުގެ ހަވަނަ ދުވަހުގެ ކުރިން މޮންޓެނީގްރޯއާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މިކަމާއި ގުޅިގެން މޮންޓެނީގްރޯގެ ކޯޗް ޖުބްސިއާ ބުނީ މެޗުގެ އެއްވެސް ވަގުތެއްގައި އޭނާގެ ސަޕޯޓަރުން އެއްވެސް މީހަކަށް އަމާޒުކޮށް ނަސްލީގޮތުން ތަފާތުކޮށް އެއްވެސް އެއްޗެއް ބުނި އަޑު ނީވޭ ކަމަށެވެ.

ނަމަވެސް އިނގިރޭސި ކޯޗް ގެރެތް ސައުތްގޭޓް ބުނީ، ނަސްލީގޮތުން އޭނާގެ ކުޅުންތެރިންނާއި ދިމާކުރި އަޑު އޭނާއަށް އިވުނު ކަމަށާއި، އެކަމާއިމެދު އޭނާ އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ. ސައުތްގޭޓްބުނީ، ޔޫއެފާއިން މައްސަލަބަލައި އެކަށީގެންވާ ފިޔަވަޅެއް އަޅާނެކަމަށް އުންމީދުކުރާ ކަމަށާއި، ފުޓުބޯޅާގައި ތަފާތުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިމައްސަލާގައި ފަންސާސް ހާސް ޔޫރޯއިން މޮންޓެނީގްރޯ ޖޫރިމަނާ ކުރާނެކަމަށް ބެލެވެއެވެ.