ޚަބަރު

ސޯޝަލް ސެންޓަރަކީ ކުޅުންތެރިންނަށް ބޭނުންވާ ވަސީލަތްތަށް ލިބޭ ތަނަކަށް ހަދައިދޭނަން - މިނިސްޓާ ޢަލީ ވަޙީދު



ޒުވާނުންގެ މަރުކަޒުގެ ލޭންޑިންގ މާސްޓަރ ޕްލޭނެއް ހަދައި، އެތަނުގައި އެތްލީޓުންނަށް ބޭނުންވާ މުހިންމު އިތުރު ވަސީލަތްތަކެއް ގާއިމްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެކްޓިން ޔޫތް މިނިސްޓާ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޒުވާނުގެ މަރުކަޒުގެ އިންޑޯ ހޯލް ބޭނުންކުރާ ކުޅިވަރުތަކުގެ އެސޯސިއޭޝަންތަކަށް، އިންޑޯ ސްޕޯޓްސް އޮފީހެއް ހުޅުވައި ދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓާ ޢަލީ ވަޙީދު ވިދާޅުވީ، ޒުވާނުންގެ މަރުކަޒަކީ، މިހާރަށްވުރެ ބޮޑަށް ކުޅުންތެރިންނާއި ކުޅިވަރުގައި މަސައްކަތްކުރާ ފަރާތްތަށް ފަސޭހަކަމާއިއެކި އެކިއެކި ވަސީލަތްތަށް ލިބޭ ތަނަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ކުޅުންތެރިންނަށް މެޗުތަކަށްފަހު ރިކަވަރީއަށް ބޭނުންވާ އެކި އެކި ކަންކަން ޒުވާނުންގެ މަރުކަޒުގައި ގާއިމް ކުރަން މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާއާއި ގުޅިގެން ޒުވާނުންގެ މަރުކަޒުގެ މާސްޓަރ ލޭންޑް ޕްލޭނެއް އެކުލަވާލައި، އެތްލީޓުންނަށް ކޮންމެހެން ބޭނުންވާ ވަސީލަތްތައްވެސް ގާއިމް ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އަދި ޒުވާނުންގެ މަރުކަޒުގެ އިންޑޯ ހޯލުގެ ވެންޓިލޭޝަންގެ މައްސަލަ ވަރަށް ކައިރި މުސްތަގުބަލެއްގައި ހައްލު ވެގެންދާނެ ކަމަށްވެސް މިނިސްޓާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު އިންޑޯ ހޯލުގައި ބޭނުންކުރަމުން އަންނަ ވެންޓިލޭޝަން ސިސްޓަމަށް ދިމާވެފައިވާ މައްސަލަ ހައްލު ނުވެއްޖެނަމަ، އަލުން ފެންވަރު ރަނގަޅު އައު ސިސްޓަމެއް ގެނެސްގެންވެސް މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑު މިހާރު މި އަންނަނީ ސޯޝަލް ސެންޓަރުގެ ލޭންޑް ޕޭނެއް ހަދަމުން، އޭގެ ދަށުން މިތަނުގެ ބިން އެންމެ ޕްލީސެންޓް ގޮތަކަށް ފަރުމާ ކުރެވޭނެ. އަދި އައިސްބާތް ކުރާނެ ވަސީލަތާއި، ކުޅުންތެރިންނަށް ބޭނުންވާނެ އިތުރު ވަސީލަތްތަށް ފަސޭހަކަމާއިއެކު ލިބޭނެގޮތް ހަދައިދޭނަން. އަޅުގަނޑުމެން ބޭނުންވަނީ ވަސީލަތްތަށް ފޯރުކޮށްދޭ ބަޔަކަށް ވާން. ގޭގައި، ނުވަތަ ސައިކަލު މަޑިދަށުގައި އެސޯސިއޭޝަންތަށް ހިންގާ ދުވަސް މިހާރު މާޒީވެ ގޮސްފި." މިނިސްޓާ ޢަލީ ވަޙީދު ބުންޏެވެ.

މިނިސްޓާ ވިދާޅުވީ މި ޕްރޮޖެކްޓް ނިމޭއިރު ޒުވާންގެ މަރުކަޒަކީ ހިތްފަސޭހަ، އަދި ކުޅުންތެރިންނަށް ފަސޭހަކަމާއިއެކު ގިނަ ވަސީލަތްތަކެއް ލިބިގެންދާނެ ތަނަކަށް ވާނެ ކަމަށެވެ.