ސިޔާސީ

ރަށްރަށުގެ މާލީ ފުދުންތެރިކަން އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް - ރައީސް


ލޯކަލް ޓޫރިޒަމް ފުޅާވެގެން އަންނައިރު އަތޮޅުތަކުގެ ރަށްތައް މާލީގޮތުން ފުދުންތެރި ކުރުވުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރަށްރަށުގެ މަޢުލޫމާތު އެއްތަނަކުން ފެންނާގޮތް ހެދުމަށްޓަކައި ޤާއިމުކުރި އޮންލައިން ޕޯޓަލް "އައިލެންޑްސް ޑޮޓް އެމްވީ" އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިވެބް ޕޯޓަލްގެ ސަބަބުން ރާއްޖޭގެ ރައްރަށާބެހޭ މަޢުލޫމާތުގެ ޚަޒާނާ އިތުރަށް މުއްސަނދިވެގެންދާނެކަމަށެވެ.

އެއްދުވަހުން އަނެއްދުވަހަކަށް ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާވެ ކުރިއަރައިގެންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ލޯކަލް ޓޫރިޒަމާއެކު މާލީގޮތުން ރަށްރަށުގެ ފުދުންތެރިކަން އިތުރުކޮށް، ރަށްރަށުގެ ކައުންސިލްތަކަށް ހިންގުމުގެ ހުރިހައި ބާރުތައް ދޫކޮށްލުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެގޮތުން އިޤްތިޞާދީގޮތުން ރަށްރަށުގައި ކަންކަން ހިންގުމާއި އެފަދަ މަގުތައް ފަހިކޮށްދިނުމުގެ ބާރުވެސް ކައުންސިލްތައް ދޫކޮށްލަން ސަރުކާރުން ނިންމަވާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. "އައިލެންޑްސް ޑޮޓް އެމްވީ" ގެ ނަމުގައޮ އަލަށް އިފްތިތާޙުކުރެއްވި އޮންލައިން ޕޯޓަލްއަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ރައީސް ވިދާޅުވީ މި ޕޯޓަލްގައި ރަށްރަށުގެ މަޢުލޫމާތުތައް އެއްތަނަކުން ލިބިގެންދާނެގޮތް ހަމަޖެހިފައިވާނެކަމަށާ، އެމަޢުލޫމާތުތައް ދުނިޔެއާއި ރާއްޖޭގެ އެކިކަންކޮޅުތަކަށް ފެތުރުމުގެ ފުރުސަތު މިއާއެކު ފަހިވެގެންދާނެކަމަށެވެ. އަދި އޭގެ ސަބަބުން ދިވެހިންނާބެހޭ މަޢުލޫމާތު މުއްސަނދިވެގެންދާނެކަންވެސް ރައީސް ފާހަގަކުރެއްވއިއެވެ.

"އެއްރަށެއްގެ މަޢުލޫމާތު އަނެއް ރަށެއްގައި އުޅޭ ރައްޔިތުންނަށް އެނގިގެން ދިއުމަކީ އަޅުގަނޑުމެންގެ މަޢުލޫމާތު މުއްސަނދިވެ. ދިވެހިންނަކީ ކޮން ބައެއްކަން އެކަކަކު އަނެކަކަށް އެނގިގެންދާނެ ކަމެއް. އަދި އެ މައުލޫމާތުތައް ދުނިޔެއާއި ރާއްޖޭގެ އެކިކަންކޮޅުތަކަށް ފެތުރުމުގެ ބާރު މި ދޫކޮށްލަނީ ކައުންދިލުތަކަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިޕޯޓަލް މެދުވެރިކޮށް ރާއްޖޭގެ ރަށްރަށުގައި ހުންނަ ތާރީޚީ، އާސާރީ ތަންތަނާއި އެރަށްރަށަށް ދަތުރުކުރެވޭނެ މަޢުލޫމާތާއި ރަށްރަށަށް ދަތުރު ފަތުރުކޮށް އުޅޭނެ ތާވަލެއްވެސް ހިމެނޭނެކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރަށްތަކާބެހޭ ހުރިހައި މަޢުލޫމާތެއް މި ޕޯޓަލްއިން ލިބި އެކަމުގެ ސަބަބުން ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވުމުގެ ފުރުސަތު ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"މި ޕޯޓަލްގެ ސަބަބުން ދިވެހިންގެ ޚަޒާނާ މުއްސަނދިވެ ރައްތަކާއި ބެހޭ ހުރިހައި މަޢުލޫމާތެއް ހާމަވެ،
ރާއްޖޭގެ ރަށްތައް ޚާއްޞަކޮށް ލޯކަލް ޓޫރިޒަމް ކުރިއަރައިގެންދާއިރުގައި މިއީ ސީދާ އެރަށްރަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވިގެންދާނެ ފަސޭހަ ދޮރެއް." ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަދުގައި ހިމެނޭ މި ޕޯޓަލްއިން ރަށްރަށުގެ ފަތުރުވެރިކަމާއިބެހޭ ކަންކަން ބެލެހެއްޓުމާއި ރަށުން ލިބެން ހުންނަ ހުރިހައި ޚިދުމަތެއް އެކުލެވޭ ރަށު ވެބްސައިޓް ބެލެހެއްޓުމާއި، ރަށް މާކެޓްކުރާ ފަރާތަކީ ރަށު ކައުންސިލްގެ އިދާރާކަމުގައި ހަމަޖެހޭނެއެވެ. ސަރުކާރުގެ އެވައުދާއި ގުޅުވައި، އެ މަސައްކަތް ހަވާލުކުރީ، އަލަށް އުފެއްދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލަޖީއާއެވެ.