ޚަބަރު

ހަނގުރާމަވެރިން ދަނީ ހަތިޔާރު ބަހައްޓާ އަމިއްލައަށް އެސް.ޑީ.އެފާ ހަވާލުވަމުން: އެސް.ޑީ.އެފް


ނުރައްކާތެރި އައި.އެސް ޖަމާޢަތުން އެންމެފަހުން ސޫރިޔާގައި ހިޞާރުކޮށްގެން އުޅުނު ސަރަހައްދުގައި ތިބި އައި.އެސްގެ ހަނގުރާމަވެރިން އަދިވެސް އަމިއްލައަށް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތް ސީރިއަން ޑިމޮކްރެޓިކް ފޯސަސްއާ ހަވާލުވަމުންދާކަމަށް އެޖަމާޢަތުން ބުނެފިއެވެ. ސޫރިޔާގައި އައި.އެސްއިން ހިޞާރުކޮށްގެން އުޅުނު އެންމެ ފަހު ސަރަހައްދުތައް މިނިވަންކޮށްފައިވަނީ ސީރިއަން ޑިމޮކްރެޓިކް ފޯސަސް ޖަމާޢަތުންނެވެ.

2014 ވަނަ އަހަރުން ފެށިގެން ސޫރިޔާ އާއި އިރާޤުގެ ބޮޑު ބައެއް ހިޞާރުކޮށްގެން އުޅުނު އައި.އެސް ޖަމާޢަތުން އުފެއްދި ވެރިކަން ނިމުމަކަށް އައިސްފައި މި ވަނީ، ސޫރިޔާގެ އިރުމަތީގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ބަޣޫޒް ނަމަކަށް ކިޔާ އަވަށެއްގައެވެ. ނުރައްކާތެރި އައި.އެސްއާ ދެކޮޅަށް ކުރަމުން އައި ފަސް އަހަރުވީ ހަނގުރާމަ އަށް ނިމުމެއް ގެނެސްފައިވަނީ ޢަރަބިންނާ ކުރުދީން ގުޅިގެން އުފައްދާފައިވާ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސް އެސް.ޑީ.އެފުންނެވެ.

ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ސޫރިޔާގައި ހަރަކާތްތެރިވަމުންދިޔަ އައި.އެސް ޖަމާޢަތާ ދެކޮޅަށް ގިނަގުނަ ކާމިޔާބީތައް ހޯދާފައިވާއިރު އައި.އެސްއާ ހަނގުރާމަކުރުމަށް އެމެރިކާއިން އިސްވެގެން އުފައްދާފައިވާ ބައިނަލްއަޤުވާމީ އިއްތިހާދުން ވަނީ އެސް.ޑީ.އެފަށް ގިނަ ގުނަ އެހީތެރިކަން ފޯރުކޮށްދީފައެވެ. މައިގަނޑު ގޮތެއްގައި އައި.އެސްގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދިނުމުގައި ބައިނަލްއަޤުވާމީ އިއްތިހާދުން ވަނީ ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ސޫރިޔާގެ އިރުމަތީގެ އަވަށެއް ކަމަށްވާ ބަޣޫޒް މިހާރު އެސް.ޑީ.އެފްގެ އަތްދަށުގައިވާއިރު، އެ ޖަމާޢަތުން ބުނެފައިވަނީ އައި.އެސްގެ ގިނަ ހަނގުރާމަވެރިންތަކެއް ހަތިޔާރު ބަހައްޓާ، އަމިއްލައަށް އެސް.ޑީ.އެފާ ހަވާލުވަމުންދާކަމަށެވެ.

މިގޮތުން އެ ރަށުގައި ހުރި ބިންގަރާސްތަކުން ގިނަ ޢަދަދެއްގެ ފިރިހެނުން ނިކުމެ، ހަތިޔާރު ބަހައްޓާ، އެސް.ޑީ.އެފްގެ ހަނގުރާމަވެރިންނާ ހަވާލުވާ މަންޒަރު ފެނިފައިވާކަމަށް މީޑިއާ ރިޕޯޓްތަކުގައިވެއެވެ. އެސް.ޑީ.އެފްއިން ބުނެފައިވަނީ ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން ހަތިޔާރު ބަހައްޓާ އަމިއްލައަށް އެސް.ޑީ.އެފާ ހަވާލުވެފައިވާނަމަވެސް އަދި ވެސް ގިނަ ޢަދަދެއްގެ ހަނގުރާމަވެރިން ބަޣޫޒްގެ ބިންގަރާސްތަކުގައި ފިލާ އެބަތިބިކަމަށެވެ.

އެސް.ޑީ.އެފުން ބުނެފައިވަނީ އައި.އެސް ޖަމާޢަތުގެ އަތްދަށުގައި ހުރި ސަރަހައްދުތައް މިހާރު މިނިވަންކުރެވިފައިވާއިރު، އެސް.ޑީ.އެފުން ބުނެފައިވަނީ އައި.އެސް ޖަމާޢަތުގެ ނުރައްކާ އަދިވެސް މުޅިން ނައްތާނުލެވޭކަމަށެވެ. މި ގޮތުން، އެ ޖަމާޢަތުގެ އިސްވެރިންނާއި ގިނަ ހަނގުރާމަވެރިންތަކެއް ސޫރިޔާގެ އިތުރުން އިރާޤުގައި ވެސް ފިލައިގެން ދިރިއުޅެމުންދާ ކަމަށާއި އެ ޖަމާޢަތުގެ ފިކުރު އަދިވެސް ދިރި އެބަ އޮތްކަމަށެވެ.

އެހެންނަމަވެސް ހަނގުރާމަވެރިން ތަމްރީންކުރުމަށާ ހަތިޔާރު ގުދަންކުރި ތަންތަން މިހާރު އެ ޖަމާޢަތުގެ ބާރުގެ ދަށުގައި ނެތްތާ، އެ ޖަމާޢަތުން ހިންގާ އޮޕަރޭޝަންތަކަށް ބޭނުންވާ ފައިސާ ހޯދާނެ މަގުތައްވެސް ބަންދުވެފައިވާކަމަށް އެސް.ޑީއެފުން ވަނީ ބުނެފައެވެ.