ޚަބަރު

ޔޫޔޭއީ އަތުން ބަލިވެ 23 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައި ނުވެ ރާއްޖެ ކަޓައިފި



ޔޫއޭއީ އަތުން 3-0އިން ބަލިވެ އަންނަ އަހަރުގެ 23 އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިނުވެ ރާއްޖެ ކަޓައިފިއެވެ.

ސައުދީ އަރަބިއާގައި ކުޅުނު މެޗު ފަށައިގެން ރާއްޖެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅުނެވެ. ޔޫއޭއީން ފުރަތަމަ ގޯލު ޖެހީ 29 ވަނަ މިނިޓްގައި މުހައްމަދު ރާޝިދު އަލްހައްމާދީއެވެ. ނަމަވެސް އޭގެ ހަތަރު މިނިޓް ފަހުން ރާއްޖޭގެ އަލްސަމް އިބްރާހީމް ފޮނުވާލި ބާރު ހަމަލާ ޔޫއޭއީގެ ކީޕަރު ދިފާއު ކުރިއެވެ.

ކޮލިފައިންގެ ފުރަތަމަ މެޗުގައި އޮމާން އަތުމް 6-1އިން މޮޅުވި ޔޫއޭއީން ރާއްޖެއާ ދެކޮޅަށް ނަތީޖާގެ ފަރަގު ބޮޑު ކުރީ ދެ ވަނަ ހާފުގައި ލިބުނު ހިލޭ ޖެހުމަކުން ޒިޔާދު އަލަމޭރީއެވެ. ތިން ވަނަ ލަނޑު ޖެހީ 75 ވަނަ މިނިޓްގައި މުހައްމަދު އަލީއެވެ.

ސައުދީ އަތުން 6-0އިން ބަލިވެފައިވާތީވެ ފުރަތަމަ 11 އަށް 5 ބަދަލެއް ގެނެސްގެން ކުޅުނު ރާއްޖެއިން ކުރީ މެޗެކޭ އެއްގޮތަށް މި މެޗުގައި ވެސް ކީޕަރު ހުސައިން ޝަރީފް މޮޅު ކުޅުމެއް ދެއްކިއެވެ. ސައޫދީ އަރަބިއާ މެޗުގައި ނުރައްކާތެރި 9 ސޭވް ކުރި ކީޕަރު މި މެޗުގައި ރަނގަޅު 6 ސޭވްކުރިއެވެ. މި މެޗުން ބަލިވުމުން ކުޅުނު ދެ މެޗުން ރާއްޖެ ޕޮއިންޓެއް ނުލިބެއެވެ. ފުރަތަމަ މެޗުގައި ސައޫދީ އަތުން ރާއްޖެ ބަލިވީ 6-0އިންނެވެ. ބާކީ ދެން އޮތީ މާދަމާ ލެބަނަންއާއި ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 7:30ގައެވެ.

މި ގްރޫޕުގެ އެއްވަނާގައި މިހާރު އޮތީ ދެ މެޗުން ވެސް މޮޅުވެ 6 ޕޮއިންޓާއެކު ޔޫއޭއީއެވެ. އެއީ ލެބަނާނު އަތުން ސައޫދީ 2-0އިން މޮޅުވުމުން ޕޮއިންޓްގެ ގޮތުން ހަމަހަމަވެ ސައޫދީ އަށްވުރެފައިދާ ގޯލު ގިނަވެގެންނެވެ.