ވިޔަފާރި

އެންމެ ކުޑައިރުއްސުރެ ކުޑަކުދިން ފައިސާގެ މުއާމަލާތްތަކަށް ހޭލުންތެރި ކުރުވަންޖެހޭ - ގަވަރުނަރު


މާލީ ކަންކަމާއި ފައިސާގެ މުޢާމަލާތްތަކަށް އެންމެ ކުޑައިރުއްސުރެ ކުދިން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިއްމު ކަމެއްކަމަށް މަރުކަޒީ ބޭންކްގެ ގަވަރުނަރު ވިދާޅުވެއްޖެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލާއިގެން އެމްއެމްއޭއިން ކުރިއަށްގެންދާ ގްލޯބަލް މަނީވީކްގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާޙުކުރުމަށް އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ، މާލީ އެކި ކަންކަމާއި ގުޅޭގޮތުން ކުޑަކުދިން ޅަފަތުގައި ހޭލުންތެރިކުރުވުމަކީ އެކުދިންގެ މުސްތަޤްބަލް އުޖާލާކުރުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަމަށެވެ.

އެގޮތުން ފައިސާގެ އަހައްމިއްޔަތުކަމާއި ލިބޭ އާމްދަނީން ދެކޮޅުޖެއްސޭނެ ގޮތްތައް ދަރިވަރުންނަށާއި ޒުވާނުނަށް ދަސްވެފައިހުރުމަކީ ދިރިއުޅުމުގެ އެކި ކަންކަން ފަސޭހަކަމާއެކު ކުރުމަށް މަގުފަހިވެގެންދާނެކަމެއްކަމަށް ގަވަރނަރު ވިދާޅުވިއެވެ.

"ފައިސާއާއި ގުޅޭ ކަންތައް ނުވަތަ މާލީ ކަންކަމަކީ ވަރަށް ކުޑައިރުއްސުރެން ވެސް އަޅުގަނޑުމެން ދަސްކުރަންޖެހޭ އަދި ހޭލުންތެރިވާނެޖެހޭ ކަންތައްތަކެއް. ކުޑަކުދިންނަށް ދަންނަވާލަން ބޭނުންވަނީ، އެންމެ ކުޑައިރުއްސުރެންވެސް ލިބޭ އާމްދަނީން ކަންތައްތައް ހަމަޖައްސަން ދަސްކުރާށޭ" ގަވަރނަރު ނަސީރު ވިދާޅުވިއެވެ.

ގަވަރނަރުގެ ވަހަކައިގައި ވަނީ މާލީ ޚިދުމަތްތައް ހަމަހަމަކަމާއިއެކު އާއްމުމަށް ލިބެންޖެހޭނެކަމާއި މާލީކަންކަމަށް ރައްޔިތުން ހޭލުންތެރިކުރުމަކީ މަރުކަޒީ ބޭންކުގެ އަމާޒެއްކަމަށް ވިދާޅުވެފައިވެއެވެ.

އެމްއެމްއޭއިން މިމަހުގެ ފަންސަވީހުން ފެށިގެން ކުރިއަށްގެންދާ ގްލޯބަލް މަނީ ވީކް ހަރަކާތަކީ މާލީ އެކި ކަންކަމާއި ގުޅޭގޮތުން ޒުވާނުންނާއި ދަރިވަރުން ހޭލުންތެރިކުރުމަށްޓަކައި އެއް ހަފްތާގެ ނިޔަލަށް ކުރިއަށްގެންދާ ހަރަކާތެކެވެ.