 
										 
										 
										
			ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރާ ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް އެމްއެމްއޭއިން ރަސްމީކޮށް ފަށައިފިއެވެ. މިއީ ކޮންމެ މާޗް މަހެއްގެ ފަހު ހަފްތާގައި ދުނިޔޭގެ އެކި ޤައުމުތަކުން މާލީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގާރާމެކެވެ. 
ގްލޯބަލް މަނީވީކަކީ ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި މާލީ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ނެދަލެންޑްސްގެ ޗައިލްޑް އެންޑް ޔޫތް ފައިނޭންސް އިންޓަރނޭޝަނަލް ޖަމުޢިއްޔާއިން ކޮންމެ އަހަރެއްގެ ވެސް މާޗު މަހު ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ހަރަކާތެކެވެ. 
ދުނިޔޭގެ 151 ޤައުމެއްގައި މި ހަރަކާތް ކުރިއަށްގެންދާއިރު 2014 އިން ފެށިގެން ރާއްޖޭގައި މި ހަފްތާ ފާހަގަކޮށް މިކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ މަރުކަޒީ ބޭންކް އެމްއެމްއޭއެވެ. 
އިސްކަންދަރު ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ގްލޯބަލް މަނީ ވީކްގެ ހަރަކާތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފައިވާއިރު ކުރިއަށްއޮތް ހަތް ދުވަހުގެ ތެރޭ  ތަފާތު ޙަރަކާތްތައް ބޭއްވުމަށް ނިންމާފައިވެއެވެ. އެގޮތުން ރާއްޖޭގެ މާލީ ހާލަތާއި މާލިއްޔަތާއި ގުޅޭ އެކި ކަންކަމާއި ގުޅޭގޮތުން ސްކޫލުތަކުގެ ދަރިވަރުންނާއި ޒުވާނުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ކުރިއަށްގެންދާނެއެވެ. އެގޮތުން މާލޭގެ ހުރިހާ ސްކޫލަކާއި ގދ.ތިނަދޫ ލ.ފޮނަދޫ އަދި ހދ.ކުޅުދުއްފުށީގެ ސުކޫލުތަކަށް ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ހިންގުމަށް ހަމަޖެހިފައިވެއެވެ. 
މީގެ އިތުރުން ފަހަށް ރައްކާކުރުމާއި ފައިސާގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި ގުޅޭގޮތުން މާޗް މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ އެސެމްބްލީގައި ސްޕީޗެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ވެސް އެމްއެމްއޭއިން ބުނެއެވެ. 
ޒުވާނުންނާއި ސްކޫލުކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ޒުވާނުންނަށް ވިޔަފާރީގައި ދިމާވާ ގޮންޖެހުންތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ދިމާވާ މައްސަލަތަކާއި ބެހޭގޮތުން ހޭލުންތެރިކުރުމަށް މާލޭގައި ޔޫތް އެންޓަރޕްރިނިއަރ ފޯރަމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ވެސް މާލީ އެކި ކަންކަމާއި ގުޅޭގޮތުން އެމްއެމްއޭއިން ބޭއްވުމަށް ހަމަޖެހިފައިވާ ޑިޖިޓަލް ވެބިނަރ ފާހަގަކޮށްލެވެއެވެ. 
މީގެ ޒަރިއްޔާއިން ރާއްޖޭގެ މާލީ ނިޒާމާއި ބެހޭ ފުރިހަމަ މަޢުލޫމާތު ޒުވާނުންނާއި ކިޔަވާ ކުދިންނަށް ފޯރުކޮށްދެވޭނެކަމަށް އެމްއެމްއޭއިން ބުނެއެވެ.  
ގްލޯބަލް މަނީ ވީކް އޮންނާނީ މިމަހުގެ 25 އިން 31 އަށެވެ. ގްލޯބަލް މަނީވީކަކީ ޗައިލްޑް އެންޑް ޔޫތް ފައިނޭންސް އިންޓަރނޭޝަނަލްއިން 2011 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ. މި ހަރަކާތް ރާއްޖޭގައި ފާއިތުވި 6 އަހަރުވެސް ކުރިއަށްގެންގޮސްފައިވާއިރު، މިއަހަރުގެ ހަރަކާތް ކުލަގަދަވެގެންދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.