ޚަބަރު

ބްރެކްސިޓް އެއްބަސްވުންތަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ގޮވާލާ ލަންޑަންގައި ކުރި މުޒާހަރާ


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމާ ބެހޭގޮތުން އަލުން އެ ޤައުމުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، އެތައް ހާސް ބަޔަކު ލަންޑަންގައި މުޒާހަރާކޮށްފިއެވެ.

ލަންޑަންގައި މިކަމަށް ގޮވާލާ މުޒާހަރާތައް ކޮށްފައި މިވަނީ ވިލާތުގެ އިއްތިހާދުން ވަކިވުމަށް އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ މުއްދަތު އަންނަ އޭޕްރިލް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ހުސްވި ހަފުތާގައި ވިލާތުގެ އިއްތިހާދުގެ އިސްވެރިންގެ އެއްބަސްވެފައިވާ ދަނޑިވަޅެއްގައެވެ.

ހޮނިހިރު ދުވަހު ލަންޑަންގައި މުޒާހަރާކުރި ފަރާތްތަކުން ވަނީ، ވިލާތުގެ އިއްތިހާދުން ވަކިވުމަށް އިނގިރޭސިވިލާތުގެ ސަރުކާރާއި އެ އިއްތިހާދާ ދެމެދު ޤާއިމުކުރާ ކޮންމެ އެއްބަސްވުމަކާ މެދުވެސް އިނގިރޭސި ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެކަމަށް ގޮވާލާފައެވެ.

އެއްވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދާ ވަކިވުމާ ދެކޮޅަށްވެސް އަޑުއުފުލާފައެވެ. މި އެއްވުމުގައި އިނގިރޭސިވިލާތުގެ އިދިކޮޅު ލޭބަރ ޕާޓީގެ އިސް ލީޑަރުންނާއި އެ ޤައުމުގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ނަން މަޝްހޫރު ބައެއް ފަރާތްތަކުން ވެސް ވަނީ ބައިވެރިވެފައެވެ.

މި އެއްވުން އިންތިޒާމު ކުރި ފަރާތްތަކުން ބުނެފައިވަނީ، މި މުޒާހަރާގައި އެއް މިލިއަން މީހުން ބައިވެރިވި ކަމަށާއި، މިއީ 2003 ވަނަ އަހަރަށް ފަހު ލަންޑަންގައި ބޭއްވި އެންމެ ވަރުގަދަ އެއްވުންކަމަށެވެ.