ޚަބަރު

ތައިލެންޑްގެ ޢާއްމު އިންތިޚާބުގެ ވޯޓުލުން ކުރިއަށް


2014 ވަނަ އަހަރު ތައިލޭންޑަށް ގެނައި އަސްކަރީ އިންޤިލާބަށް ފަހު، އެ ޤައުމުގައި ބާއްވާ ފުރަތަމަ ޢާއްމު އިންތިޚާބުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެެވެ.

51.4 މިލިއަން މީހުންނަށް މި އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާއިރު، މީގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު އިންތިޚާބުގައި ބައިވެރިވާނެކަމަށް ބެލެވޭކަމަށް ތައިލެންޑްގެ އިންތިޚާބާ ބެހޭ އިދާރާއިން ބުނެއެވެ. މި އިންތިޚާބުގައި ހޮވާނީ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދަށު ގޭގެ ފަސް ސޭތަކަ މެމްބަރުންނެވެ.

މި މަޖިލީސް ހޮވުމާއެކު އެ ޤައުމުގެ އާ ސަރުކާރު އެކުލަވާލައި، ޤާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މެމްބަރުންވެސް ހޮވާނެއެވެ. އިންތިޚާބުގެ ކުރިން ނެރުއްވި ޚާއްޞަ ބަޔާނެއްގައި ތައިލޭންޑްގެ ރަސްގެފާނު މަހާ ވިޖަރަލޯންގްކޯން ވަނީ، އިންތިޚާބުގެ ވޯޓުލުން ސުލްޙަވެރި ކަމާ ހަމަޖެހުންތަކާ ނުލާ ކުރިއަށްގެންދިއުމަށް އެ ޤައުމުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. ރަސްގެފާނު ވިދާޅުވީ، މި އިންތިޚާބުގައި ރައްޔިތުންނަށް އެންމެ ފައިދާކުރާނެ ފަދަ ބަޔަކަށް ތާޢިދުކުރުމަށް އެ ޤައުމުގެ ޢާއްމުންނަށް ގޮވާލައްވާފައެވެ.

މި އިންތިޚާބުގައި މައިގަނޑު ގޮތެއްގައި ވާދަ ކުރަނީ ދެ ފިކުރެއްގެ ޕާޓީތަކެކެވެ. އެއީ ތައިލޭންޑްގެ ވެރިކަމުގައި މިހާރު އޮތް އަސްކަރީ ސަރުކާރަށް ތާއީދުކުރާ ޕާޓީތަކާއި، ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓްރާއަށް ތާޢިދުކުރާ ސިޔާސީ ޕާޓީތަކެވެ.

2001 ވަނަ އަހަރުއްސުރެ ތައިލޭންޑްގައި ބާއްވަމުން އަންނަ ކޮންމެ އިންތިޚާބެއްވެސް ކާމިޔާބުކޮށްފައިވަނީ ޝިނަވަޓްރާއަށް ތާއީދުކުރާ ޕާޓީތަކުންނެވެ. ކުރީގެ ބޮޑުވަޒީރު ޝިނަވަޓްރާ މަޤާމުން ދުރުކުރައްވާފައިވަނީ 2006 ވަނަ އަހަރު އޭނާގެ ސަރުކާރާ ދެކޮޅަށް އަސްކަރިއްޔާއިން ގެނައި އިންޤިލާބެއްގައެވެ.