ހުޅުމާލޭގެ މުނިސިޕަލް ކަންކަމާ މާލޭ ސިޓީ ކައުންސިލުން ހަވާލުވުމަށް ތައްޔާރުވަމުންދާކަމަށް މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން މާލޭގެ ރަށްވެހިންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ ހައުސިންގ ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ބެލުމުގެ ދަށުން ހުޅުމާލޭގެ ހުރިހާކަމެއް ކުރިއަށްގެންދަން ޖެހުމުގެ ސަބަބުން، ގިނަ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އެގޮތުން މިހާތަނަށް އައިއިރުވެސް ހުޅުމާލޭގެ ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތްތަށް އެންމެ އެކަށީގެންވާގޮތުގައި ފޯރުކޮށްދެވިފައި ނުވާކަމަށް މޭޔަރ ވިދާޅުވިއެވެ.
މި މައްސަލަތައް ޙައްލުކުރުމައްޓަކައި އެޗްޑީސީއާ މަޝްވަރާކުރުމަށްފަހު މާލެ ސިޓީ ކައުންސިލުން، ހުޅުމާލޭގެ މުނިސިޕަލް ކަންކަން ބެލެހެއްޓުމާ ހަވާލުވުމަށް ތައްޔާރުވަމުންދާކަން ސިފާ ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން ހުޅުމާލޭގައި ސިޓީ ކައުންސިލްގެ އިދާރާއެއް ޤާއުމުކުރުމަށް އެޗްޑީސީން ބިމެއް ހަމަޖައްސައިދީފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން އެޗްޑީސީއާ މިހާރު މަޝްވަރާތައް ކުރަމުން މިދަނީ. އެގޮތުން އެޗްޑީސީން ސިޓީ ކައުންސިލަށް ބިމެއް ކަނޑައަޅާ، މި ކައުންސިލުން ހުޅުމާލޭގެ މުނިސިޕަލް ކަންކަމުގެ ޒިންމާއާ ހަވާލުވުމަށް ތައްޔާރުވަމުން މިދަނީ." މާލެ ސިޓީ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މާލެ ސިޓީ ކައުންސިލަށް އައު ދިރުމެއް އައިސްފައިވާކަން ފާހަގަކުރައްވައި މާލެ ސިޓީގެ މޭޔަރ ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ޒިންމާގެ ދަށުން، ހުޅުމާލޭގެ މާރުކޭޓު ތަރައްޤީކުރުމާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރާނެކަމަށެވެ.